މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން މަހިބަދޫ ސްޕޯޓްސް ކްލަބް އަތުން 7-0ގެ ބޮޑު ތަފާތަކުން މޮޅުވެ، އެފްއޭއެމް ލީގު ކަޕްގެ ލީގު ބުރުގައި އެއްވަނަ ހޯދުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
ޖުމްލަ ފަސް ޓީމު ވާދަކުރާ މި މުބާރާތުގެ ގަދަ ހަތަރު ޓީމު ސެމީ ފައިނަލަށް ދަތުރުކުރާއިރު، މާޒިޔާއިން މިހާރު ވަނީ ސެމީ ފައިނަލް ޖާގަ ކަށަވަރުކޮށްފަ އެވެ.
މާޒިޔާއިން މުބާރާތުގެ ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް 5-1 އިން ބަލިކުރިއިރު، ދެވަނަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށްފައިވެ އެވެ.
ރޭ ކުޅުނު މެޗުގައި މާޒިޔާއަށް ގޯލުތައް ޖަހައިދީފައިވަނީ ސެންޓޭ، ދާދު، ހަންނަ، އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) އަދި މުހައްމަދު ޒީކް އަހްމަދު އެވެ.
މީގެ އިތުރުން އިއްޔެ ހަވީރު ކުޅުނު އެފްއޭއެމް ލީގު ކަޕްގެ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ވަނީ ޓީސީ ސްޕޯޓްސް ކްލަބް އަތުން 4-1 އިން މޮޅުވެ، މުބާރާތުގައި ފުރަތަމަ ކާމިޔާބީ ހޯދާފަ އެވެ.
ނިއު ރޭޑިއަންޓުން މުބާރާތުގެ ފުރަތަމަ މެޗުގައި މާޒިޔާ އަތުން 5-1 އިން ބަލިވެފައިވީ ނަމަވެސް ރޭގެ މެޗަށް ކުރީގެ މެޗުގައި ނެރުނު އެގާރައިގެ ތެރެއަށް ފަސް ބަދަލެއް ގެނެސްފައިވެ އެވެ. މީގެ އިތުރުން ޓީމުގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ)ވެސް ޓީމާ ރޭ ގުޅިފަ އެވެ. ފުރަތަމަ މެޗު ކުޅުނުއިރު ސޮބާ ހުރީ ސްޕެއިންގައި ކޯޗިން ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށެވެ.