ރައްޔިތުންގެ މަޖިލިސް

ބުޅާ ފެސިލިޓީގެ ނޮން-ރިކަރެންޓް ހަރަދު 1.2 ބިލިއަނަށް

ބުޅާ ފެސިލިޓީގެ ނޮން-ރިކަރެންޓް ހަރަދަށް 1.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ހިންގުމުގެ ހަރަދު ނުލައި ބުޅާ ފެސިލިޓީއަށް 1.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

މީގެ އިތުރުން ބުޅާތައް ބެލެހެއްޓުމަށް ކޮންމެ މަހަކު ހަރަދުތައް ހިނގާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ނޮން ރިކަރެންޓް ހަރަދުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ދަންނަވައިލަން އަދި ފެސިލިޓީގައި 2،000 ބުޅަލަށް މަހަކު ހަތްލައްކަ ރުފިޔާ ހަރަދުވާނެ. އަދި ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދުވާނެ. އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ،" މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ހަރަދުވާނެ ކަމަށާއި ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަކަށް އަހަރަކު 5،416 ރުފިޔާ ހަރަދުވާނެ ކަމަށެވެ.

މާރިޔާ ވިދާޅުވީ މިނިސްޓްރީން މި އަހަރުގެ ފެބްރުއަރީ މަހު ބުޅާ ފެސިލިޓީއާ ހަވާލުވިއިރު އެތަން ހުރީ ބުޅާ ގެންގޮސް ބެލެހެއްޓޭނެ ހާލަތެއްގައި ނޫން ކަމަށެވެ.