ރައްޔިތުންގެ މަޖިލިސް

އޭވިއޭޝަން ކުންފުންޏެއްގެ ހިއްސާ އޮތްނަމަ އޮތޯރިޓީގެ ބޯޑު މެންބަރަކަށް ނުވެވޭ އިސްލާހެއް

މަދަނީ ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ގާނޫނީ ޝަހުސެއްގައި ހިއްސާ އޮތް މީހަކަށް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބޯޑު މެންބަރުކަން ނުކުރެވޭ ގޮތަށް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލް އެވެ.

ގާނޫނުގެ 12 ވަނަ މާއްދާގެ ރ. ގައި މިހާރު އޮތް ގޮތުން މަދަނީ ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ކުންފުންޏެއްގެ ނުވަތަ އޮތޯރިޓީގެ ގަވާއިދުގެ ދަށުން ހިންގަމުންދާ އިދާރާއެއްގައި އެތަނެއްގެ ޖުމްލަ ފަސް ޕަސެންޓަށްވުރެ ބޮޑު އަދަދެއްގެ ހިއްސާ އެ މީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން އައްޔަންކޮށްފައިވާ ފަރާތެއްގެ ނުވަތަ އޭނާގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައި އޮތް މީހަކަށް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބޯޑު މެންބަރަކަށް ނުވެވޭނެ އެވެ.

މެންބަރު ހުށަހެޅުއްވީ މަދަނީ ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ގާނޫނީ ޝަހުސެއްގައި އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން އައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ހިއްސާ އޮތް ގާނޫނީ ޝަހުސެއްގެ ނަމުގައި އެއްވެސް ހިއްސާއެއް ނުވަތަ މަސްލަހަތެއް އޮތް މީހަކަށް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބޯޑު މެންބަރުކަން ނުކުރެވޭ ގޮތަށް އެ މާއްދާ އިސްލާހު ކުރުމަށެވެ.

މީގެ އިތުރުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނުގެ ދަށުން އޮތޯރިޓީން ރެގިއުލޭޓްކުރާ އެނޫންވެސް ތަނެއްގައި މަސްލަހަތު އޮތް މީހަކަށްވެސް އެ އޮތޯރިޓީގެ ބޯޑު މެންބަރުކަން ނުކުރެވޭ ގޮތަށް މާއްދާ އިސްލާހު ކުރުމަށް ވަނީ ހުށަހަޅުއްވާފަ އެވެ.