ރައްޔިތުންގެ މަޖިލިސް

ދެ ފަނޑިޔާރުން ވަކިކޮށްފި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަޒްމިރަލްދާ ފަނޑިޔާރުކަމުން ވަކިކުރަން ފެންނަ ކަމަށް 68 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވި އެވެ.

މަހާޒް އަލީ ޒާހިރު ފަނޑިޔާރު ކަމުން ވަކިކުރަން ފެންނަ ކަމަށް 68 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވި އެވެ.

މިގޮތަށް ފާސްވުމުން އަޒްމިރަލްދާ އާއި މަހާޒް އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިވެއްޖެ ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާނުކުރެއްވި އެވެ.

އަޒްމިރަލްދާއާއި މަހާޒް ފަނޑިޔާރު ކަމުން ވަކިކުރަން ނިންމައި އެ މައްސަލަ ޖޭއެސްސީ އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިމަހުގެ ހަތަރުވަނަ ދުވަހު އެވެ. ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް މިމަހުގެ ފަސްވަނަ ދުވަހު ހުށަހެޅުމުން އެ މައްސަލަ ދިރާސާކުރުމަށް ހަމަ އެ ދުވަހު ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފަ އެވެ.

ޖޭއެސްސީ އިން އަޒްމިރަލްދާއާއި މަހާޒްގެ މައްސަލަ ބަލައި އެކުލަވާލި ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައިގެ ރިޕޯޓްގައިވަނީ ޑރ. އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް ކުށެއްގެ ތުހުމަތުގައި ބަންދުކުރުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުގެ ބައިވެރިވުމާއެކު އިސްމާއީލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، އިސްމާއީލްގެ ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީއަށް މަހާޒުއާއި އަޒްމިރަލްދާ ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ.

އަމިއްލަ ފަރާތަކުން ހުށަހެޅި ކަމަށް ބުނާ އެ މައްސަލައަށް މަހާޒް އާއި އަޒްމިރަލްދާ ވަނީ ޖޭއެސްސީގެ ތަހުގީގުގައި އިންކާރުކުރައްވާފަ އެވެ. އަދި ޖޭއެސްސީ އާއި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި މައްސަލަ ނިންމި ގޮތުގެ ރިޕޯޓަށް ޖަވާބުދާރީވުމަށް ފުރުސަތަކަށް ދެ ފަނޑިޔާރުންވެސް އެދިވަޑައިގެންނެވި އެވެ. ނަމަވެސް މަޖިލީހުގެ ކޮމިޓީގައި ތިއްބެވި ޕީއެންސީގެ މެންބަރުން ބޭނުން ނުވެގެން ކޮމިޓީއަށް ހާޒިރުވާން ދެ ފަނޑިޔާރުންނަށް ފުރުސަތެއް ނުދެ އެވެ.

ޖޭއެސްސީ އިން ގެންދަނީ މަހާޒް އާއި އަޒްމިރަލްދާއާ ގުޅޭ ސުލޫކީ އިތުރު މައްސަލައެއްވެސް ބަލަމުންނެވެ. އެއީ ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރު ކުރި ދުވަހެއްގައި އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހެއްގައި މަހާޒް އާއި އަޒްމިރަލްދާ ތިއްބެވި ކަމަށް ބުނާ މައްސަލަ އެކެވެ.