ފަސްދޮޅަހަށްވުރެ ގިނަ ޓީމާއެކު "މައި ހުޅުމާލެ" މަސްރޭސް މާދަމާރޭ ހުޅުމާލޭގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މިއީ ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފާހަގަކުރުމަށް އެޗްޑީސީއާއި އުރީދޫ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
ބޮޑެތި ފައިސާގެ އިނާމުތައް ލިބޭގޮތަށް މަސް ރޭހެއް ބޭއްވުމަށް ނިންމައި، މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 64 ޓީމަކުން ވަނީ ފޯމު ހުށަހަޅާ ފައެވެ.
މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. ހުޅުމާލޭގެ ފެރީ ޓާމިނަލް ޕާކު ކައިރިން ފަށާ މި ރޭސް ކުރިއަށްދާނީ މާދަމާ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.
ރޭހުގައި ބައިވެރިވެގެން އެއްވަނައަށްދާ ޓީމަކަށް 21،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމާފަ އެވެ. އެންމެ ބޮޑު މަސް ބޭނޭ ފަރާތަކަށް 5،000 ރުފިޔާ އަދި އެންމެ މޮޅު ކެޔޮޅަށްވެސް 5،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވެ އެވެ.
މަސް ރޭސް ކުރިއަށްދާ ވަގުތު މާދަމާ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް، ސްކޭޓް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން "ސްކޭޓް ސްކޭޕް" ކުރިއަށް ގެންދިއުމަށްވެސް ވަނީ ނިންމާފަ އެވެ. މިއީ ރޯލަ ބްލޭޑާސް އާއި ސްކޭޓް ބޯޑާސް އަދި ސްކޫޓަ ރައިޑަރުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
ސްކޭޓް ހަރަކާތުގެ ބައިވެރިންނަށް ސެޓްފިކެޓް ލިބޭ ގޮތަށް ކުރިއަށްގެންދާ މި ހަރަކާތުގައި އޮންލައިންކޮށް ރަޖިސްޓްރީ ކުރުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. މި ހަރަކާތުގައި ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލާފައިވަނި މާދަމާ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.
ހުޅުމާލޭގެ އަހަރީ ދުވަހާ ގުޅިގެން މި ހަފްތާގެ ނިޔަލަށް އަދިވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް އެޗްޑީސީން ވަނީ ނިންމާފަ އެވެ. އެގޮތުން މި މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު ސައިކްލިން ޗެމްޕިއަންޝިޕް އަދި އެ ދުވަހުގެ ހަވީރު ހެލްތު ކޭމްޕްގެ އިތުރުން މި މަހުގެ 17 ވަނަ ދުވަހު ބީޗް ފެސްޓެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ނިންމާފަ އެވެ.