ސުޕްރީމް ކޯޓުގެ އެތެރެއާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ބޯނުލަނބައި މަސައްކަތް ކުރެވުނީތީ އުފާކުރައްވާ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން މިއަދު ވަކިކުރެއްވި މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ފަނޑިޔާރު ކަމުން ވަކިކުރަން ނިންމައި އެ މައްސަލަ ޖޭއެސްސީ އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިމަހުގެ ހަތަރުވަނަ ދުވަހު އެވެ. ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް މިމަހުގެ ފަސްވަނަ ދުވަހު ހުށަހެޅުމުން އެ މައްސަލަ ދިރާސާކުރުމަށް ހަމަ އެ ދުވަހު ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަޒްމިރަލްދާ ފަނޑިޔާރުކަމުން ވަކިކުރަން ފެންނަ ކަމަށް 68 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވި އެވެ. މަހާޒް އަލީ ޒާހިރު ފަނޑިޔާރު ކަމުން ވަކިކުރަން ފެންނަ ކަމަށް 68 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވި އެވެ.
ފަނޑިޔާރު ކަމުން ވަކިކުރުމުން ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މަހާޒް ވިދާޅުވީ ސުޕްރީމް ކޯޓުގައި މަސައްކަތް ކުރެވުނު މަސައްކަތްތަކާ މެދު ހިތްހަމަޖެހޭ ކަމަށެވެ. ކުރި ހުރިހާ މަސައްކަތެއް ކޮށްފައިވާނީ ކުރާ ހިތުން ކަމަށްވެސް ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ބޯނުލަނބައި މި ހިސާބަށް އާދެވުމުން އުފާކުރަން. ކީރިތި الله އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތީ އަދި މާއުފާވެރި ދުވަސްތަކެއް،" މަހާޒް ވިދާޅުވި އެވެ.
"ހިތްވަރު ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން. ނޫސްވެރިންނާއި ގާނޫނީ ވަކީލުންނާއި ޖަމިއްޔާ ޖަމާއަތްތަކުންނާއި ވަކިވަކި ފަރުދުންގެ ހައިސިއްޔަތުން ގާނޫނާ ހިލާފަށް ހިނގަމުންދިޔަ ކަންކަމަށް ދެކޮޅުހައްދަވައި ފާޅު ކުރެއްވި އެންމެހައި ޝުއޫރުތަކަށް ވެސް ޝުކުރު އަދާކުރަން،" މަހާޒް އިތުރަށް ވިދާޅުވި އެވެ.
ޖޭއެސްސީ އިން އަޒްމިރަލްދާއާއި މަހާޒްގެ މައްސަލަ ބަލައި އެކުލަވާލި ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައިގެ ރިޕޯޓްގައިވަނީ ޑރ. އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް ކުށެއްގެ ތުހުމަތުގައި ބަންދުކުރުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުގެ ބައިވެރިވުމާއެކު އިސްމާއީލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، އިސްމާއީލްގެ ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީއަށް މަހާޒުއާއި އަޒްމިރަލްދާ ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ.
އަމިއްލަ ފަރާތަކުން ހުށަހެޅި ކަމަށް ބުނާ އެ މައްސަލައަށް މަހާޒް އާއި އަޒްމިރަލްދާ ވަނީ ޖޭއެސްސީގެ ތަހުގީގުގައި އިންކާރުކުރައްވާފަ އެވެ. އަދި ޖޭއެސްސީ އާއި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި މައްސަލަ ނިންމި ގޮތުގެ ރިޕޯޓަށް ޖަވާބުދާރީވުމަށް ފުރުސަތަކަށް ދެ ފަނޑިޔާރުންވެސް އެދިވަޑައިގެންނެވި އެވެ. ނަމަވެސް މަޖިލީހުގެ ކޮމިޓީގައި ތިއްބެވި ޕީއެންސީގެ މެންބަރުން ބޭނުން ނުވެގެން ކޮމިޓީއަށް ހާޒިރުވާން ދެ ފަނޑިޔާރުންނަށް ފުރުސަތެއް ނުދެ އެވެ.