އެޓާނީ ޖެނެރަލް

އޭޖީ އޮފީސް ސިވިލް ސާވިސް އިން ވަކިކުރުމުގެ ބިލް އަލުން ކޮމިޓީއަށް

ބަންޑާރަނައިބުގެ އޮފީހަކީ ސިވިލް ސާވިސްގައި ނުހިމެނޭ ސަރުކާރުގެ ވަކި އޮފީހެއްގެ ގޮތުގައި ހިންގަން ގާނޫނެއް ހަދަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް ފާސްނުކޮށް، އަނބުރާ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާލައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ.

މިބިލް ފާސްކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތު ހުޅުވާލުމުން ބިލް ފާސްކުރުމާ ދެކޮޅަށް 67 މެންބަރުން ވޯޓު ދެއްވި އެވެ. ބިލް ފާސްކުރަން ވޯޓު ދެއްވީ ހަމައެކަނި ޕީއެންސީގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ. އެހެންވެ ބިލް އަލުން ކޮމިޓީއަށް ފޮނުވަން ވޯޓަށް އެހި އެވެ. އެ ހުށަހެޅުމަށް 70 މެންބަރުން ވޯޓު ދެއްވި އެވެ.

ބިލް ހުށަހެޅި ބޭނުމުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ގާނޫނުއަސާސީގެ ދަށުން ބަންޑާރަނައިބުގެ މަގާމަށް އައްޔަންކުރެވޭ މީހެއްގައި ހުންނަންޖެހޭ ޝަރުތުތަކާއި ބަންޑާރަނައިބުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި އެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބަންޑާރަނައިބު ތަބާވާންޖެހޭ ހަމަތައް ކަނޑައެޅުމެވެ.

ބަންޑާރަނައިބާ މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ބަންޑާރަނައިބުގެ އޮފީހުގެ ނަމުގައި ދިވެހި ސިވިލް ސާވިސްގައި ނުހިމެނޭ ސަރުކާރުގެ ވަކި އޮފީހެއް ގާއިމުކޮށް އެ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި އެ އޮފީސް ހިންގުމާގުޅޭ އުސޫލުތަކާއި އެ އޮފީހުގެ މުވައްޒަފުންނާ ގުޅޭ އެންމެހައި އުސޫލުތައް ކަނޑައެޅުމަކީވެސް ބިލް ހުށަހެޅުމުގެ ބޭނުމުގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.

ބަންޑާރަނައިބުގެ އޮފީސް މިހާރު ހިންގަނީ ސިވިލް ސާވިސްގެ ދަށުންނެވެ.

މި ބިލް މަޖިލީހަށް ހުށަހަޅާފައިވާއިރު ފޮރިން މިނިސްޓްރީވެސް ސިވިލް ސާވިސް އިން ވަކިކޮށް ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއްގެ ގޮތުގައި ގާނޫނަކުން ވަނީ ކަނޑައަޅާފަ އެވެ.