ޑރ. އަޒްމިރަލްދާ ޒާހިރު

ޕީއެންސީ މެންބަރުން މަސައްކަތްކުރީ އަޅުވެތި ސޯބުތަކެއްހެން: އަޒްމިރަލްދާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައިގައި ވެރިކަން ކުރާ ޕީއެންސީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެއްވީ އަޅުވެތިވެފައިވާ ކުދި ސޯބުތަކެއް ފަދައިން ކަމަށް ފަނޑިޔާރު ކަމުން މިއަދު ވަކިކުރައްވާފައިވާ ޑރ. އަޒްމިރަލްދާ ޒާހިރު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަޒްމިރަލްދާ ވަކިކުރުމަށް ފެންނަ ކަމަށް ފާސްކުރީ ހަމައެކަނި ވެރިކަން ކުރާ ޕީއެންސީ 68 މެންބަރުންގެ ވޯޓުންނެވެ.

މަޖިލީހުގެ ވޯޓަށްފަހު އަޒްމިރަލްދާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފަނޑިޔާރު ކަމުން އޭނާ ވަކިކުރެއްވުމަށް މަޖިލީހުގެ މެންބަރުން ވޯޓު ދެއްވިއިރު އޭނާ އެއްވެސް ކުށެއް ކުރައްވާފައި ނުވާނެކަން މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޒިންމާ އަދާކުރެއްވުމުގެ ބަދަލުގައި ސިޔާސީ އެންގުންތަކަށް ބަޓަނަށް ފިތާލާ، ބުއްދީގެ ހަމަތަކާއި އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން [އަޅުގަނޑު ވަކިކުރީ]،" ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ޑރ. އަޒްމިރަލްދާ މީގެކުރިން ހައިކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވިއިރުވެސް، މިއަދު ވެރިކަން ކުރާ ޕީއެންސީގެ މެންބަރުން ކުރިން މަސައްކަތް ކުރެއްވި ޕީޕީއެމްގެ ވެރިކަމުގައި -- ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި އެކަމަނާއަށް ކުރިމަތިކުރުވި ފިއްތުއްތަކާ ގުޅިގެން 2016 ވަނަ އަހަރުގެ ތެރޭގައި ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އޭރު ހައިކޯޓުގެ ދެކުނު ގޮފި އުފައްދައި ސަރުކާރުގެ ނުފޫޒުން އެކަމަނާގެ ވަޒީފާ ވަނީ އައްޑޫ ސިޓީއަށް ބަދަލުކޮށްފަ އެވެ. އެ ހަނދާންތައް މިއަދު އާކުރައްވައި އަޒްމިރަލްދާ ވިދާޅުވީ 2016 ވަނަ އަހަރު ހައި ކޯޓުން އޭނާ އިސްތިއުފާދެއްވެވީވެސް މި ސަރުކާރުގެ ސިޔާސީ ފިކުރުގެ ޖަމާއަތަކުން އޭނާ ވަޒީފާގައި ދެމިހުރުމަށް ދަތިތައް ކުރިމަތިކުރުމުގެ ނަތީޖާއެއްގެ ގޮތުން މަޖުބޫރީ ހާލަތެއްގައި ކަމަށެވެ.

އަޒްމިރަލްދާ ވިދާޅުވީ އޭނާއާ ދެކޮޅަށް ހިނގަމުން ދިޔަ ކަންކަމުގެ ހަގީގަތްތައް ހާމަކޮށްދިނުމަށް ކަމާ ގުޅޭ ބޭފުޅުންނަށާއި އިދާރާތަކަށް ހުށަހެޅުއްވި ކޮންމެ ކަމެއް އަކުރުން އަކުރަށް ހެއްކާ އެކު ސާބިތުކޮށްދެއްވާނެ ކަމަށެވެ. ނަމަވެސް އެ މައްސަލަތައް އިންސާފުވެރިކަމާ އެކު ބަލާނެ އިދާރާއެއް ނެތް ކަމަށްވެސް ސިފަކުރެއްވި އެވެ.

"އަޅުގަނޑުގެ ވަޒީފާއާ ހެދި އަޅުގަނޑުގެ ފިރިމީހާއާ އާއިލާ ތަހައްމަލް ކުރަންޖެހުނު ކަހަލަ ކަންކަން އެހެން އެއްވެސް މީހެއްގެ މައްޗަށް އަންނާކަށް އަޅުގަނޑު ނޭދެމެވެ. ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން މައުސޫމު މީހުން ފްރޭމުކުރުމުގައި ބައިވެރިވެ ކުށްކުރި މީހުންނަށް ކޮންމެވެސް ދުވަހަކުން އިންސާފުވެރި އިޖުރާއަތަކުން ހައްގު އަދަބު ލިބޭ ތަން ދެކެން އަޅުގަނޑު ބޭނުމެވެ. ދިވެހިރާއްޖެއަށް އަދި ޝަރުއީ ނިޒާމަށް ހެޔޮގޮތް މިންވަރު ކުރެއްވުމަށް އަޅުގަނޑު އަބަދުވެސް އެދެމެވެ،" ބަޔާން ނިންމާލަމުން ވިދާޅުވެފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާުރެއްގެ މައްސަލަ ކުއްލި ގޮތަކަށް ޖޭއެސްސީ އިން ބަލަން ފެށީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީގައި ހިމެނި އިތުރު ޝަރުތުތަކެއްގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ފެށުމުންނެވެ.

ޖޭއެސްސީ އިން އަޒްމިރަލްދާއާއި ފަނޑިޔާރުކަމުން މިއަދު ވަކިކުރި މަހާޒް އަލީ ޒާހިރުގެ މައްސަލަ ބަލައި އެކުލަވާލި ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައިގެ ރިޕޯޓްގައިވަނީ ޑރ. އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް ކުށެއްގެ ތުހުމަތުގައި ބަންދުކުރުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުގެ ބައިވެރިވުމާއެކު އިސްމާއީލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، އިސްމާއީލްގެ ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީއަށް މަހާޒުއާއި އަޒްމިރަލްދާ ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ. އަމިއްލަ ފަރާތަކުން ހުށަހެޅި ކަމަށް ބުނާ އެ މައްސަލައަށް މަހާޒް އާއި އަޒްމިރަލްދާ ވަނީ ޖޭއެސްސީގެ ތަހުގީގުގައި އިންކާރުކުރައްވާފަ އެވެ.