މާލެ ސިޓީ ކައުންސިލުން އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުން ފެނާއި ކަރަންޓް ބިލްގެ ފައިސާގެ ގޮތުގައި 2.5 މިލިއަން ރުފިޔާ ނުލިބި އޮތް ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މާލެ އާއި ވިލިމާލެ އިން އެކި ބޭނުންތަކަށް ތަންތަން ކުއްޔަށް ދީފައިވަނީ އާންމު ރޭޓްތަކަށް ވުރެ ކުޑަ އަގެއް ކަމަށެވެ. އެފަދަ ތަންތަނުން ކުލީގެ ފައިސާ ލިބުނު ނަމަވެސް ފެނާއި ކަރަންޓަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ބައެއް މީހުން އެބަތިބި ކަަމަށް ވިދާޅުވި އެވެ.
މާލެ އިން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން ކަރަންޓް ބިލްތަކުގެ ފައިސާގެ ގޮތުގައި 723،000 ރުފިޔާ ނުލިބި އޮތް އިރު ވިލިމާލެއިން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން ކަރަންޓު ބިލްތަކުގެ ފައިސާގެ ގޮތުގައި 172،000 ރުފިޔާ މާލެ ސިޓީ ކައުންސިލަށް ނުލިބެ އެވެ. އަދި މާލެ އިން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން ފެން ބިލްތަކުގެ ފައިސާގެ ގޮތުގައި 309،000 ރުފިޔާ ނުލިބި އޮތް އިރު ވިލިމާލެއިން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން ފެން ބިލްތަކުގެ ފައިސާގެ ގޮތުގައި 1.3 ރުފިޔާ މާލެ ސިޓީ ކައުންސިލަށް ނުލިބެ އެވެ. އަދި
އާޒިމް ވިދާޅުވީ ސިޓީ ކައުންސިލަށް ލިބެންޖެހޭ އެފަދަ ފައިސާގެ އަދަދުތަކަކީ ނުލިބި އެތައް އަހަރުތަކެއްވީ އަދަދުތަކެއް ކަމަށެވެ. އެކަމަކު ބިލްތަކަށް ފައިސާ ނުދީގެން ހިދުމަތް ކަނޑާލާފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
ކައުންސިލްގެ ބައްދަލުވުމުގައި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހް ވަނީ މާލެ ސިޓީ ކައުންސިލުން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިންތައް ކުއްޔަށް ނަގައިގެން އުޅޭ މީހުންގެ މައުލޫމާތު ނޭނގޭތީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ސައިފް ވިދާޅުވީ އޭނާ ކައުންސިލަރެއްގެ ގޮތުގައި ހަތަރު އަހަރު މަސައްކަތް ކުރިއިރު އަދި މިހާތަނަށް ބިންތައް ކުއްޔަށް ނަގައިގެން އުޅޭ މީހުންގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. އެ މައުލޫމާތަކީ ސިއްރުކުރަންޖެހޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
"އެއީ އަޅުގަނޑުމެން ހާމަ ކުރަން ޖެހޭނެ އެއްޗެއް،" ސައިފް ވިދާޅުވި އެވެ.
ސައިފްގެ ކަންބޮޑުވުމާ ގުޅިގެން އާޒިމް ވިދާޅުވީ ކުރިން ބައެއް ބިންތައް ކުއްޔަށް ދޫކޮށްފައި ހުރީ މާރަނގަޅަށް އެކަންކަން ބެލެހެއްޓިގެން ނޫން ކަމަށެވެ. އެހެންކަމުން މައުލޫމާތު އެއްކުރެވޭ ވަރަކުން އެ މައުލޫމާތު ހިއްސާކުރަމުންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
އާޒިމް އިތުރަށް ވިދާޅުވީ މާލެ ސިޓީ ކައުންސިލަށް ކުލީގެ ގޮތުގައި އަދި ފެނަކާއި ކަރަންޓް ބިލްގެ ފައިސާގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.