ހުޅުމާލެ

ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ނާސަރީއެއް ހަދަނީ

ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ނާސަރީއެއް ހެދުމަށް އެއްބަަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ނާސަރީ ހެދުމަށް އެއްބަސްވުމުގައި މިއަދު ސޮއިކުރީ އެންވަޔަރަންމަންޓް މިނިސްޓްރީ އާއި އެޗްޑީސީ)އާ ދެމެދު އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހީމް އެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓާ މުހައްމަދު މައުރޫފު ޖަމީލް އެވެ.

މިއެއްބަސްވުމުގެ ދަށުން 55،000 އަކަފޫޓުގެ ބިމެއްގަައި ނާސަރީ ޑިޒައިންކޮށް އަދި ހަދައިދެނީ އެޗްޑީސީ އިންނެވެ.

ނާސަރީ ނިމުމުން އެތަނުގައި ތަމްރީނުދޭ ކޮޓަރިތަކާއި އޮފީސް ބަޔަކާއި ލެބޯޓަރީއެއްގެ އިތުރަށް ގްރީންހައުސްއެއްވެސް ހުންނާނެ އެވެ.

ނާސަރީ ހަދަނީ ސަރުކާރުން ފަށާފައިވާ ފަސް މިލިއަން ގަސް ޕްރޮގުރާމަށް ބޭނުންވާ ގަސް ހެއްދުމަށާއި އެ ޕްރޮގުރާމަށް ފަހުވެސް ބޭނުންވާ ގަސް ލިބޭނެ ގޮތް ހެދުމަށެވެ.