ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ފަނޑިޔާރުން ބަދަލުކުރުމަށް ވެރިން ބޭނުންވުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައި ވަނިކޮށެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ފަނޑިޔާރުން ބަދަލުކުރަން ޖެހޭ ކަމަށް ވެރިންގެ ހިތަށް އެރުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ބޭނުންވާއިރަށް ފަނޑިޔާރުން ބަދަލުކުރުމަކީ ފެހި ގާނޫނު އަސާސީ ތަސައްވުރު ކުރި ގޮތެއް ނޫން. އެހެނަސް މި ގާނޫނުއަސާސީ ބައްޓަންކޮށްފައި މިވަނީ އުއްމީދު ކުރި ގޮތާ ހިލާފަށް ރަސްކަމެއް ފަދަ ރިޔާސީ ނިޒާމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
އަބަދުވެސް ބަރުލަމާނީ ނިޒާމަކަށް ވަކާލާތު ކުރައްވަމުން ގެންދަވާ ރައީސް ނަޝީދު ވިދާޅުވި ގޮތުގައި 2008ގައި ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމާއެކު އާ ސުޕްރީމް ކޯޓު އެކުލަވާލަން ޖެހުނު ކަމަށެވެ. އޭރު ވެރިކަމުގައި ހުންނެވީ ރައީސް ނަޝީދެވެ.
ސުޕްރީމް ކޯޓު ފުރަތަމަ ފަހަރަށް 2008ގައި އެކުލަވާލި ފަހުން 2013 އާއި 2018 އަދި 2023ގެ ރިޔާސީ އިންތިހާބަށްފަހުގައި ކޮންމެ ވެރިކަމަކުންވެސް ފަނޑިޔާރުން ބަދަލުކޮށްފައި ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
"އެއީ ވަރަށް ބޮޑު ދެރައެއް، އަދި ގޯހެއް. މިކަން ނުވާނެ ގޮތަކަށް ނިޒާމު ބަދަލުކުރަންޖެހޭ،" އެމަނިކުފާނު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމި ނިންމުމުގައި އިޖުރާއީ ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ބުނެ އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް މަޖިލީހުގެ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުންނަށް އިޖުރާއީ މައްސަލައެއް ފާހަަގަ ނުވާ ކަމަށް އެ މެންބަރުން ވިދާޅުވެފައިވެ އެވެ.