މޯލްޑިވްސް ޕޮލިސް ސާވިސް

ސައިކަލް ދުއްވަމުން ފޯނުން މެޗެއް ބެލި މީހާއަށް ފިޔަވަޅު އަޅައިފި

ސައިކަލް ދުއްވަމުން ފޯނު ފުޓްބޯޅަ މެޗެއް ބަލަމުން ދިޔަ މީހަކު ހޯދައި އޭނާއަށް ފިޔަވަޅު އަޅައިފި އެވެ.

ސިނަމާލެ ބްރިޖު ހައިވޭގައި ފިރިހެނަކު ސައިކަލް ދުއްވަމުން ދިޔައީ އެހެން މީހަކުވެސް ގޮވައިގެން އަދި ފޯނުން ފުޓްބޯޅަ މެޗުވެސް ބަލަމުންނެވެ.

އާންމު މީހަކު ވަނީ އެ މަންޒަރު ވީޑިއޯކޮށް ސޯޝަލްމީޑިއާއަށް ދޫކޮށްލާފަ އެވެ.

ފުލުހުންގެ ސަމާލުމަކަށް މައްސަލަ އައުމާއެކު އޭނާ ހޯދުމަށްފަހު އޭނާ ދުއްވި ސައިކަލު 30 ދުވަހުގެ މުއްދަތަށް ޓޯކޮށް، އެ މީހާ 2،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މީގެއިތުރުން ސައިކަލް ދުއްވި މީހާގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

"ތިމާ އާއި، މަގު ބޭނުންކުރާ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ." ފުލުން ބުނެފައިވެ އެވެ.