( 12 މެއި 2025 އާ ގުޅޭ )
"ކިހާ ދުވަހެއް ވެއްޖެ މެރީކޮށްގެން އުޅޭތާ؟." ޒަރަކް އަހާލި އެވެ. ރަހާ ޖަވާބެއް ނުދީ ހިމޭންވެފައި އިނުމުން ޒަރަކްއަށް ހީވީ އެ ސުވާލަށް ޖަވާބުދޭން ރަހާ ބޭނުންނުވަނީ ހެންނެވެ.
"ސޮރީ. ހަމަ އަހާލީ. ހިތަށް އެރީ ރަހާއަށް... އަޅާނުލާ." ޒަރަކް ބުނަން އުޅެފައި ވެސް ހުއްޓާލީ އެވެ. ރަހާ ހިތްހަމަނުޖެހިދާނޭ ހީވާވަރުންނެވެ.
"އަހަރެން ޑިވޯސްވާން މިއުޅެނީ." ރަހާ ކުއްލިއަކަށް ބުންޏެވެ. އެ ބަސްތައް އިވިފައި ޒަރަކްއަށް ޤަބޫލުނުކުރެވުނުކަން އޭނާގެ މޫނުން ފާޅުވި އަސަރުތައް ހެކިދެ އެވެ.
"ޤަބޫލެއް ނުކުރެވޭ ދޯ." ޒަރަކްއަށް ވީގޮތް ފެނި ރަހާ އަހާލި އެވެ. އެއާއެކު ޒަރަކް މަޑުމަޑުން ބޯޖަހާލީ އާނއެކޭ ބުނުމުގެ އިޝާރާތެއްގެ ގޮތުންނެވެ.
"ދިހަ އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ އިނދެގެން އުޅޭތާ. އަހަރެންނަށް އެނގޭ އެއްޗަކީ އެއްވެސް މީހަކީ ހުރިހާކަމެއް އެންމެ ފުރިހަމަ މީހަކަށް ނުވާނެކަން. އަހަރެމެން އިންސާނުންނަށްވީއިރު... އަހަރެންގެ ވެސް ހުންނާނެ އުނި ސިފަތަކެއް. އެކަމަކު ދެ މީހަކު ދިރިއުޅުމެއް އެކުގައި ފަށަނީ އެކަކުއަނެކެއްގެ ހުންނަ އުނި ސިފަތަކާއެކީ. ބައެއް ވަގުތުތަކުގައި ޚިޔާލު ތަފާތުވުން ތަކާއި ކުރިމަތިވާނެ. އަނެއްބައި ފަހަރު އަހަރެން ބޭނުންވާ ގޮތަށް ކަންތައް ނުވުމުގެ ހިތްހަމަނުޖެހުން ވެސް އޮންނާނެ. އެހެންވިޔަސް ދެމެދުގައި ލޯބި އޮވެއްޖެނަމަ އެފަދަ ތަފާތުތަކަކީ މާބޮޑު ގޮންޖެހުމެއްކަމަށް އަހަރެން ނުދެކެން." ރަހާ މިހެން ބުނެ ވާހަކަ ހުއްޓާލި އެވެ. އޭނާގެ ކަނާއަތް ފަރާތުން ކެފޭގެ ބިއްލޫރި ބިތުން ބޭރަށް އޭނާ ނަޒަރު ހުއްޓާލި އެވެ. ޒަރަކްއަށް ރަހާގެ މޫނުގައިވި ހިތްދަތިކަން ސާފުކޮށް ފެނުނެވެ.
"ހަޔާތުގައި ބައްދަލުވާ އެންމެންނަކީ ތިމާއަށް އެންމެ ރަނގަޅު މީހުންނަށް ނުވެދާނެ. ރަހާއަށް އެނގޭތަ ރަހާގެ ފިރިމީހާއަކީ ކޮންކަހަލަ މީހެއްކަން. އޭނާގެ އުޅުން ހުންނަނީ ކިހިނެއްކަން." ޒަރަކް ނުބުނަން އިނދެފައި ވެސް ބުންޏެވެ.
"ފެންނަ ކޮންމެ މަންޒަރެއް ހަޤީޤަތަކަށް ނުވާހެން އިވޭ ކޮންމެ އަޑެއް ވެސް ތެދަކަށް ނުވެ ހިނގައިދާނެ. އެހެންވިޔަސް ފާއިތުވެގެން ދިޔަ އަހަރުތަކުގައި އަހަރެން ވިސްނާފިކުރު ކުރުން ނޫންކަމެއް ނުކުރެވޭ. އަހަރެންނަށް އެނގެނީ އަހަރެން އިނީ އުފަލުންނޫންކަން. ދިރިއުޅުމަށް އަންނަމުންދިޔަ ބަދަލުތަކާމެދު ހިތްހަމަޖެހިފައެއްނޫން. ލިބެމުންދިޔަ ހާސްކަމާއި އުދާހުގައި އަހަރެން ކެތްކުރަމުން އައީ ހާލަތު ބަދަލުވާނޭ އިރެއްގެ އިންތިޒާރުގައި އިނދެ އެކަމަށް އުންމީދުކުރާ ހާލުގައި. އަނގައިން ބުނާ ކޮންމެ މީހެއް ކައިރީ އަހަރެންނަކީ ދިރިއުޅުމުގައި ހުރި ކޫސަނި ކަންކަމުގެ ވާހަކަތައް ޚިއްޞާ ކުރާ ހިތްވާ މީހެއްނޫން. އެހެންވެ މީހެއްގެ ލަފައަކަށް ވެސް ނޭދެން. ކައިވެނިކޮށް ދިރިއުޅުން ފެށުނީ ވަރަށް ޅައުމުރުގައި. އަމިއްލަ ނަފްސަށް ވަގުތު ދިނުމުގެ ބަދަލުގައި އަހަރެންގެ މުޅި ދުނިޔެކަމުގައިވީ ފިރިމީހާ. އެކުވެރީންނާއި ރައްޓެހިން ހޯދުމާއި އަމިއްލަ މީހާ އުފާކުރުމަށް ޓަކައި ދުނިޔެތެރެއަށް ނުކުތުމުގެ ޚިޔާލެއް ނެތް. މިހާރު އަހަރެންނަށް ވިސްނިއްޖެ. އެއްވެސް މީހަކަށް އެހާބޮޑު ޚާއްޞަކަމެއް ދީގެންނުވާނެކަން. އަމިއްލަ މީހާގެ ދުޅަހެޔޮކަން ޚިޔާރުކުރުމަކީ އަމިއްލަ އެދުން ބޮޑުވުމެއްނޫން. އެއްވެސް މީހަކަށް އަނެއް މީހާ ބަދަލެއް ނުކުރެވޭނެ. ވަފާތެރިކަމާއި ތެދުވެރިކަމަކީ މަޖުބޫރުން ހޯދޭނެ އެއްޗެއް ނޫން. އަހަރެން މަދަދަށް އެދުނީތީ އެ ފަރާތުން އަހަރެންނަށް ކަން އޮތްގޮތުގެ ހަޤީޤަތް ދައްކަވައިފި. ޤަބޫލުކުރަން ފަސޭހައެއްނުވި. އެކަމަކު އަހަރެންނަށް އެނގެނީ ކުރިޔަށް ދިޔަ ނަމަވެސް މުސްތަޤްބަލެއްނެތްކަން. ކައިވެނީގެ ބިންގަލުގައި އަޅަމުން އައި ރެނދުތައް ބައްދައި އެތަންތަން ފޮރުވަމުން އައިނަމަވެސް ގެއްލިފައިވާ އިތުބާރުގެ ސަބަބުން ހެދުނު ބާގަނޑު ބެއްދޭވަރަށްވުރެ މާ ބޮޑުވެއްޖެ. މިހެން މިވީ ކީއްވެތޯ ސުވާލުކޮށްކޮށް އަހަރެން ވަރުބަލިވެއްޖެ. ހުރިހާކަމެއް އަހަރެމެން އިންސާނުންނަށް އެނގުމެއްނުވޭ. މޮޅަށް ކަންކަން ރާއްވަވާ ޙިކުމަތްތެރި ރަސްކަލާނގެއަށް ވަކީލުކުރުން ނޫންގޮތެއް ނެތް. މިއަދު އަހަރެންގެ ގައިގާ އަމިއްލަ ދިރިއުޅުން ސަލާމަތްކުރާން ނުކުންނާނެހާ ހިތްވަރެއް ވެސް ނެތް. ހިތުގައިވީ ލޯބި ފޫހިކަމަށް ބަދަލުވެ ނަފުރަތުގެ ނިރު ފަޅަންދެން އެ ދިރިއުޅުމެއްގައި މަޑުކުރަނީ ކީއްކުރަން." އެންމެ ފަހު ޖުމްލަ ރަހާ ބޭރުކޮށްލީ އަމިއްލަ ނަފްސަށް އޭނާ ކުރި ސުވާލެއް ފަދައިންނެވެ.
"ރަހާ." ޒަރަކްއަށް ގޮވާލެވުނީ ނުހަނު އަސަރާއެކީ އެވެ. ރަހާގެ ދެ ލޮލުން ވެއްޓެން ކައިރިވެފައިވާ ކަރުނަތިކި ފުހެލަދޭން ޒަރަކް އަތް ހިއްލާލި އެވެ. އެހެންނަމަވެސް އެއަށްވުރެ ކުރީން ޓިޝޫކޮޅަކުން ރަހާ ދެ ލޯ ފުހެލައިފި އެވެ.
"އެންމެންނަށް އެމީހުން އުންމީދުކުރާ އުފާވެރި ދިރިއުޅުމެއް ނުލިބޭނެ. ޚާއްޞަކޮށް މި ދުނިޔެމަތީން ދައިމީ އުފަލެއް ހާޞިލެއް ނުވާނެ. އަހަރެން ބަލިވުމަކީ ވެސް އަހަރެންނަށް ލެއްވި ރަޙުމަތެއްކަމަށް ވެދާނެ." ރަހާ މިހެންބުނެ ހިނިތުންވެލި އެވެ. ނަމަވެސް އެ ހިނިތުންވުމުގައި އުންމީދުގެ ކުލައެއް ނުވެ އެވެ. ހިތްދަތިކަންވީ އޭނާގެ ދެ ލޮލަށް ދިރުމެއް ގެނެސް ނުދިނެވެ.
"ތިހެން ނުބުނޭ. ހީނުކުރާ ފަދަ ގޮތަކަށް ހަޔާތަށް އުފާވެރިކަން އައުމަކީ ވެސް ވެދާނެ ގޮތެއް. ﷲއަށް ވަކީލުކުރި ގޮތަށް ޤަބޫލުކުރޭ ރަހާގެ ހާލަތު ބަދަލު ކުރެއްވުމަށް ވެސް އެކަލާނގެ ކުޅަދުންވަންތަކަން. ގައިމު ވެސް އަހަރެންނާ ރަހާ ބައްދަލުވީ އެކަލާނގެ އިރާދަފުޅުންކަން ޔަޤީން. އަހަރެން ރިގްރެޓެއްނުވޭ. އަޅުތަކުންނަށް އޮތީ ކެތްތެރިކަމާއެކު ދުޢާކުރުން. އެކަމުގައި ތިމާއަށް ހެވެއްވާ އެއްވެސް ދޮރެއް ﷲ ބަންދުނުކުރައްވާނެ. އަހަރެން ރަހާއަށް އެހީތެރިވުން ހުއްޓައެއް ނުލާނަން. އެއީ ބަދަލުގައި އެއްޗެއް ބޭނުންވެގެން ކުރާކަމެއްނޫން. އެކަމުން އަހަރެންގެ އަމިއްލަ ނަފްސަށް ވެސް ހިތްހަމަޖެހުން ލިބޭތީ." ޒަރަކް ބުންޏެވެ.
ދެ ޒުވާނުންގެ ވާހަކަ މެދުކަނޑާލީ އޯޑަރު ކުރި ކޮފީ ހިފައިގެން ކެފޭގައި އުޅޭ ކުއްޖާ އައީމަ އެވެ. އޭނާ މޭޒުމަތީ ތަށިތައް ބަހައްޓަމުންދިޔައިރު ރަހާއަށް އިނދެވުނީ ފަރުވާތެރި ބެލުމަކުން ޒަރަކްއަށް ބަލާށެވެ. ކެފޭގެ ކުއްޖާއާ ވާހަކަދައްކަމުން ދިޔަ ޒަރަކްއަށް ރަހާގެ ނަޒަރު އަމާޒުވެފައި ހުރިކަމެއް ނޭނގެ އެވެ.
* * * * *
ގޭގައި އޮފީހެއްހެން ބޭނުންކުރާ ކޮޓަރިތެރޭގައި ހުރި މޭޒުގެ ދޮށުގައި ވާކިފް އިނެވެ. ހުޅުވާފައި ހުރި ޑެސްކްޓޮޕްގެ އިސްކުރީނުން ފެންނަމުން ދިޔައީ ގޭގެ ދޮރޯށީގައި ހަރުކޮށްފައި ހުރި ކެމެރާއަށް ރިކޯޑުވެފައިވާ ފުޓޭޖްތަކެވެ. އޭނާ ބަލަން ބޭނުންވީ ރަހާ ގެއިން ނުކުތް ވަގުތެވެ. އެހެންނަމަވެސް އަޖައިބުވީ އެ ގެއަށް އައި މީހުން ފެނިފަ އެވެ.
"ސަހާ." މަޑުމަޑުން ވާކިފަށް ކިޔާލެވުނެވެ. އޭރު އޭނާގެ ދެބުމަވަނީ ގޮށްޖެހިފަ އެވެ. ވަގުތުން ފާޅުވެގެން އައީ ހިތްހަމަނުޖެހުމާއި ގުޅިފައިވާ ރުޅިވެރިކަމެއްގެ އަސަރެވެ.
ގޮނޑިއަށް ހަށިގަނޑު ތެދުކޮށްލުމާއެކު މޭޒުގެ އެއްފަރާތުގައި ބާއްވާފައި އޮތް ފޯނު ވާކިފް ނެގި އެވެ. ސަހާނާގެ ނަންބަރަށް އޭނާ ގުޅި އެވެ. އޭނާ ފޯނަށް ޖަވާބެއް ނުދިނުމުން ވާކިފްގެ ރުޅި ހައްތަހާ ގަދަވީ އެވެ. ދަތްކުނޑިވިކާލެވުމާއެކު ވާކިފްގެ ކަންފަތާއި ފޯނު ދުރުކޮށްލުމަށްފަހު އަނެއްކާ ވެސް ކެމެރާގެ ފުޓޭޖު ބެލި އެވެ. ސަހާނާ އައުމަށްފަހު އޭގެ އެތައް ގަޑިއިރުތަކެއް ފަހުން ޒަރަކް އެގެއަށް އައިތަން ފެންނައިރު ރަހާ ގެއިން ނުކުމެގެން ދިޔައީ ޒަރަކްއާ އެކީކަން ކެމެރާއަށް އަރާފައި ހުއްޓެވެ.
ރޭގެ ވަގުތުތައް ދިގުވެފައި ވާކިފަށް ނިދާކަށް ފަސޭހައެއް ނުވި އެވެ. ސަހާނާ ގެއަށް އައިސް ރަހާއާ ބައްދަލުކޮށްފިކަން ވާކިފަށް ޔަޤީންވާއިރު އެ ދެމެދުގައި ރަނގަޅު ވާހަކައެއް ނުދެކެވޭނޭކަން ވެސް ވާކިފަށް އެނގެ އެވެ. ސަހާނާގެ ޢަމަލުތައް އެ ހިސާބަށް އެ ދިޔައީ ކީއްވެކަން ވާކިފަށް އެނގެ އެވެ. އޭނާ ހަޤީޤަތަށް ވެސް ސަހާނާއާ އޮތް ގުޅުން ނިންމާލަން ގަސްދުކުރީ ރަހާއާމެދު ފަރުވާކުޑަކުރެވިއްޖެކަން އެނގޭތީ އެވެ.
ދެއަތަށް ފުރޮޅިފުރޮޅި އޮއްވާ ވާކިފަށް ނިދުނީ ކިހާއިރަކުކަމެއް ނޭނގެ އެވެ. ހެނދުނު ހޭލެވުމާއެކު އޭނާ ފުރަތަމަ އައީ އޮފީހަށެވެ. ސަހާނާ އޮފީހަކަށް ނުނިކުންނަކަން އެނގުމުން ވާކިފަށް މަޖުބޫރުވީ އޭނާ ހޯދަން ދާށެވެ. ހެނދުނު ނުވައެއް ޖަހާކަން ހާއިރު ވާކިފް އޮފީހުން ނުކުތެވެ. ސައިކަލުގައި އޭނާ އައީ ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ސަހާނާ ދިރިއުޅޭ އެޕާޓްމެންޓަށެވެ. އިމާރާތުގެ ލިފްޓުން ނުކުމެވުމާއެކު ހަލުވި ހިނގުމުގައި އައިސް އެޕާޓްމެންޓްގެ ބެލް އޭނާ އަޅައިލި އެވެ. ދެވަނަ ފަހަރަށް ބެލް ޖެހުމުން އެޕާޓްމެންޓްގެ ދޮރު ހުޅުވާލީ ސަހާނާ އެވެ.
"ވީކޭ." ސަހާނާއަށް ވާކިފް ފެނުމާއެކު ސިހުން ލިބިއްޖެ އެވެ. ވާކިފްގެ ނަޒަރު ސަހާނާއަށް ހުއްޓިފައިވި އެވެ. ސަހާނާ ހޭލައިގެން އެ އައީ އަދިކިރިޔާކަން އޭނާ ހުރިގޮތުން ވާކިފަށް އެނގެ އެވެ. އެކަމަށް ފަރުވާލެއް ނުދީ ދޮރުފަތް ކޮށްޕާލަމުން ވާކިފް އެޕާޓްމެންޓަށް ވަނީ އެވެ. އަދި އޭނާގެ ފަހަތުން އެޕާޓްމެންޓްގެ ދޮރު ލައްޕާލައި ސަހާނާއާ ވާކިފް ކުރިމަތިލީ އެވެ.
"އައި ހޭވް މިސްޑް ޔޫ." ދެރަވެފައި ސަހާނާ ބުންޏެވެ. ނަމަވެސް ވާކިފްގެ މޫނުން މާބޮޑު އަސަރެއް ފާޅެއްނުވި އެވެ.
"ރަހާ ކައިރިޔަށް ދިޔައީތަ؟." ވާކިފް ބުންޏެވެ.
"ވީ... އިހަށް އިށީންނަންވީނު. ސައިބޮއެފިންތަ؟. ކޮފީއެއް ހަދައިދެން." ސަހާނާ ވާހަކަ ބަދަލުކޮށްލަން މަސައްކަތް ކުރި ފަދަ އެވެ. އަދި ވާކިފްއާ ދުރަށް ބަދިގެއާ ދިމާއަށް ދާން ސަހާނާ އެނބުރިލީ ހިނދު އޭނާގެ ކަނާއަތުގެ މުލައްދަނޑީގައި ވާކިފް ހިފައި ކައިރިޔަށް ދަމައިގަތެވެ.
"ހަނދާންނެތުނީތަ؟. ބަލަ މެލޭގައި ހުރިއިރު އަހަރެން ނުބުނަންތަ ސަހާ ކައިރީ... ރަހާއާ އެކަކުވެސް އެއްވަރެއްނުވާނެ. އައި އޯލްރެޑީ ވާންޑް ޔޫ... ރަހާ އަހަރެންނާ ދުރުކޮށްލެވިދާނޭ ހީކުރީތަ؟. އެހެން ހަދައިގެން ސަހާއަށް މޮޅުތަކެއްވާނޭ ހީވޭތަ؟. ހަނދާންކުރާތި! އަހަރެންނާ ރަހާ ވަކިވާން ޖެހިއްޖެނަމަ ސަހާއަށް އެކަމުގެ ބަދަލު ވަރަށް ހިތިވާނެކަން ދަންނާތި. އައިލް މޭކް ޔޫ ޕޭ." ވާކިފް މިހެންބުނެ ސަހާނާގެ އަތުން ދޫކޮށްލަން ކޮށްޕާލި ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ސަހާނާގެ ބޮޑުވައި އިނގިލީގައި އަޅާފައި އޮތް އަނގޮއްޓި އެވެ. ދަތްކުނޑިވިކާލުމާއެކު ދެބުމަ ގުޅުވާލައިގެން ހުރެ ވާކިފް ވަގުތުން ސަހާނާގެ އިނގިލިން އަނގޮއްޓި ދަމައިގަނެއްޖެ އެވެ.
"ވާކިފް... ލެޓް މީ އެކްސްޕްލެއިން. ޕްލީޒް... އަހަރެން ގަސްދުގައި ފޮރުވީއެއްނޫން. އެ ދުވަހު... އެ..." ސަހާނާ އަވަސްއަވަހަށް ކިޔައިދޭން އުޅުނެއްކަމަކު އޭނާއަށް ވާކިފް ހުރަސްއެޅީ އެވެ. ދޮރާ ދިމާއަށް އައި ވާކިފް ދޮރުގެ ތަޅުގައި ހިފާލާފައި މަޑުކޮށްލީ އެވެ. ދެން އޭނާ އެގޮތުގައި ސަހާނާއަށް ފުރަގަސްދީގެން ހުރެ ވާހަކަދެއްކި އެވެ.
"އިޓްސް އިނަފް... ދެ އަހަރު ވަންދެން ސަހާނާއާއެކީ އުޅުންއިރު އަހަރެން ވެސް އިނޮސެންޓެއްނޫން. އެހެންވީމަ އަހަރެން ނޫޅެން ހުރިހާކަމެއް ސަހާނާގެ ބޮލުގައި އަޅުވާކަށް. އައި ޑޯންޓް ބްލޭމް ޔޫ ފޯ ޔޯ އެކްޝަން. އެކަމަކު ބުނަން. ދެން ދުވަހަކުވެސް އަހަރެންގެ ކުރިމައްޗަށް ނާރާތި. އަހަރެންގެ ނަން ހަޑިކުރާނަމޭ ހިތާ ކަމެއްކުރާން ނުވިސްނާތި. އެކަހަލަ މޮޔަކަމެއް ސަހާ ކުރާން އުޅެގެން ދެރަ ލިބޭނީ ހަމަ ތިމާއަށްކަން ދަންނާތި. އަހަރެން ކުރީން ވެސް ބުނިން. މި ގުޅުން ރީތި ގޮތުގައޭ ނިންމާލަން ބޭނުމީ. ސަހާ އަދި ޔަންގް. ކިޔަވައިގެން ހުރި ވަޒީފާއެއް އެބައޮތް... ރަނގަޅު މީހަކާ ގުޅިގެން ދިރިއުޅުމެއް ފަށަން ފުރުޞަތު އެބައޮތް. އަހަރެންނާއެކީ ސަހާއަކަށް މުސްތަޤްބަލެއްނެތް. ދެވަނަ ކައިވެންޏެއް ކުރާކަށް އަހަރެން ދުވަހަކުވެސް ނުވިސްނަން." ވާކިފް ބުންޏެވެ. އޭނާ ހުރީ އިންތިހާއަށް ރުޅިއައިސްފައި ނަމަވެސް ސަހާނާއަށް ހަޤީޤަތް ބުނެދޭން އަދިވެސް އެއްފަހަރު ވާކިފް ބޭނުންވީ އެވެ. އަނެއްކޮޅުން އޭނާގެ ކުށް އެއްފަރާތްކުރާކަށް އަމިއްލަ ޟަމީރު ތަނެއްނުދިނެވެ. ވާކިފް ދޮރު ހުޅުވާލުމުގެ ކުރީން ސަހާނާ އައިސް އޭނާގެ ބުރަކަށީގައި ލައްވެލައިފި އެވެ. ފުރަގަހުން ގަމީހުގައި ސަހާނާ ދެ އަތުން ހިފެހެއްޓިއިރު އޭނާ ރޯން ފަށައިފި އެވެ.
(ނުނިމޭ)