އއ. މަތިވެރީގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
ހައުސިން މިނިސްޓްރީން ވަނީ މަތިވެރީގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކުރުމަށް ނުވަތަ ތަރައްގީކުރުމަށް ފައިނޭންސްކުރުމަށް މާލީ އަދި ފަންނީ ގާބިލުކަން ސާބިތުކޮށްދެވޭ ޝަރުތު ހަމަވާ ފަރާތެއް ހޯދުމަށް އިއުލާންކޮށްފަ އެވެ.
މި މަޝްރޫއަކީ ކްރޮސް-ސަބްސިޑައިޒޭޝަން މޮޑެލްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މި މޮޑެލްގެ ދަށުން، ހޮވޭ އިންވެސްޓަރަށް އެ ވަސީލަތުގެ ރައުސުލްމާލު އަދި ހިންގުމުގެ ހަރަދުތައް އަނބުރާ ހޯދުމަށް ވިޔަފާރީގެ ގޮތުން ފައިދާ ލިބޭނެ ބައިތަކެއް ހުށަހެޅިދާނެ ކަމަށާއި ނުވަތަ ކޮންޓްރެކްޓާ ފައިނޭންސިން، ޕީޕީޕީ މޮޑެލް ނުވަތަ ލޯނު ފައިނޭންސިން މެދުވެރިކޮށްވެސް ކުރިއަށް ގެންދެވިދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.\

މަތިވެރީގައި ތަރައްގީކުރާ އެއާޕޯޓަކީ 1،500 މީޓަރު ދިގު ރަންވޭއަކާއެކު ތަރައްގީކުރާ އެއާޕޯޓެކެވެ.
އިއުލާނުގައިވާ ގޮތުން އެ އެއާޕޯޓް ތަރައްގީކުރަން ޖެހޭނީ އޭޓީއާރް 72-600 ގެ 70 ފަސިންޖަރުންގެ ފްލައިޓްތަކަށް ހިދުމަތް ދެވޭ ފެންވަރަށެވެ.
މި މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ވަނީ ޖޫން 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.