ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގާއި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހާ ގުޅިގެން ކުރިއަށް ގެންދިޔަ "ޔަންގް އޮންޓްރޮޕްރެނިއާ ފެއާ" އަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން އިންތިޒާމްކޮށް ދިރާގުގެ ޕާޓްނާޝިޕާއިއެކު އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގެ މަގުސަދަކީ ކުދިންގެ ތަފާތު ހުނަރުތަކާއި އުފެއްދުންތެރިކަން ދައްކުވައިދީ، ވިޔަފާރީގެ ދާއިރާ ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ދިރާގުން ބުންޏެވެ.
މި ގޮތުން، 24 ސްޓޯލަކުން 51 ކުދިން ބައިވެރިވެ އެ ކުދިންގެ ވިޔަފާރީގެ ހުނަރުތައް ވަނީ ދައްކާލާފަ އެވެ.
މި ހަރަކާތުގައި ބައިވެރިވި ކުދިންގެ ވިޔަފާރި ސްޓޯލްތަކުގައި އެކި ބާވަތްތަކުގެ ތަފާތު ކާބޯތަކެއްޗާއި، އާޓް، ކްރޯޝޭކޮށް ތައްޔާރުކޮށްފައިވާ ތަކެއްޗާއި، މެންޓަލް ހެލްތާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން އަދި ކުދިން އަމިއްލައަށް ލިޔެ ޝާއިއުކޮށްފައިވާ ފޮތްތައް ހިމެނެ އެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގް ވިދާޅުވީ މި ފަދަ ފުރުސަތުތައް ކުދިންނަށް ފަހިކޮށްދިނުމަކީ ކުދިންގެ ހުނަރުތައް ތަރައްގީވެ އެކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު އާލާވުމަށް ދެވޭ ހިތްވަރެއް ކަމަށެވެ.
"ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދެވުނު މި އިވެންޓަކީ އެކުދިންގެ އުފެއްދުންތެރިކަން ފާހަގަކުރުމަށް ދެވުނު ފުރުސަތެއް ކަމުގައިވާތީ އެތަނުގައި އެ ކުދިން ދައްކުވައިދިން ހުނަރުވެރިކަމާމެދު ވަރަށް ފަހުރުވެރިވަން،" ނިއުމަތު ވިދާޅުވި އެވެ.
"ޔަންގް އޮންޓްރޮޕްރެނިއާ ފެއާ" އަށް ކުދިން ތައްޔާރުކުރުމުގެ ގޮތުން ފެއާގެ ސްޓޯލްތަކުގެ ހުރިހާ ބައިވެރިންނަށާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދިޔަ އެވެ.

މި ސެޝަންގައި ސްމޯލް އަދި ހޯމް ބިޒްނަޒް ހިންގާ 3 ފަރާތަކުން، އެ ފަރާތްތަކުގެ ތަޖުރިބާއާގުޅޭގޮތުން ކުދިން ޝައުގުވެރިކޮށް ހިތްޖެއްސުމުގެ ގޮތުން ވާހަކަދައްކާފައިވެ އެވެ. މީގެ އިތުރުން ފައިނޭންޝަލް ލިޓްރެސީއާ ގުޅޭ މައުލޫމާތާއެކު "ދިރާގު ޕޭ"އާ ގުޅޭ މައުލޫމާތު މި ސެޝަންގައި ވަނީ ހިއްސާކޮށްފައިވެ އެވެ.
މި ހަރަކާތުގައި ބައިވެރިވި ކުދިންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ރައްކާތެރި ގޮތުގައި އިންޓާނެޓް ބޭނުންކުރުމާ ބެހޭގޮތުން "ދިރާގު ނެޓްޕްރޮޓެކްޓް"ގެ ހާއްސަ ސެޝަނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ދިރާގުގެ ސީނިއާ މެނޭޖާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ ކުޑަ ކުދިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހާ ގުޅިގެން މި މުހިންމު ހަރަކާތަށް އެއްބާރުލުން ދިނުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"އޮންޓްރޮޕްރެނިއާޝިޕް، ޑިޖިޓަލް ލިޓަރަސީ، އަދި އޮންލައިން ސޭފްޓީގެ ހޭލުންތެރިކަން އިތުރުކޮށް، އަންނަން އޮތް ޖީލު އުޖާލާ އަދި ރައްކާތެރި މުސްތަގުބަލަކަށް ވާސިލުވުމަށް ބޭނުންވާ ހުނަރު ތަރައްގީކުރުމަށް މަސައްކަތް ކުރުމަކީ ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ މުހިންމު އަމާޒެއް،" ބިޝާރަ ވިދާޅުވި އެވެ.
ދިރާގުން ދަނީ، ރާއްޖޭގެ އަންނަން އޮތް ޖީލު ބިނާކުރުމުގައި އަމަލީ ގޮތުން ބައިވެރިވެ، މާދަމާގެ ޒުވާނުން ތަރައްގީކުރުމަށް ހިންގާ މި ފަދަ މުހިންމު ހަރަކާތްތަކުގައި އެންމެ ކުރީ ސަފުގައި ބައިވެރިވަމުންނެވެ.