މުހައްމަދު އަމީން

އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދަށް އެޖެންޑާކޮށްފި

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރުނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

މި ޖަލްސާ ބޭއްވުމަށް އެޖެންޑާކޮށްފައިވަނީ މިއަދު މެންދުރުފަހު 1:30 ގަ އެވެ.

މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ތިއްބެވި 12 މެންބަރުންގެ ސޮޔާ އެކު އެވެ.

އެމްޑީޕީން މިނިސްޓަރު އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި މިވަނީ ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) އެޕްރީލް 18 ވަނަ ދުވަހު ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯ އިން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި އެތައް ބަޔަކު އަމީންއަށް ތުހުމަތުތަކެއް ކުރަމުން ދަނިކޮށެވެ.

ހ. ފެންޓެނޯއީގެއަށް ޔުމްނު ވަނުމުގެ ކުރިން އެރޭ މެންދަމުގެ ވަގުތުގައި އޭނާއާ އެކު އެހެން ބަޔަކު ވަނީ މިނިސްޓަރު އަމީން ދިރިއުޅުއްވާ މއ. މާންދޫގޭދެކުނުގައި ޕާޓީކޮށްފަ އެވެ.

އެމްޑީޕީން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައިގައި ބުނެފައިވަނީ މިމައްސަލައިގައި އަމީންގެ އާއިލީ ބަޔަކު ހިމެނޭތީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ މަންފާއަށް ކަންތައްތަކެއް ކުރައްވާފައިވާ ކަމަށާއި އެއީ ގާނޫނާ ހިލާފު އަމަލެއް ކަމަށެވެ.