ޓޫރިޒަމް

އެމްއެމްޕީއާރްސީ އާއި ލެޓްސް ގޯ މޯލްޑިވްސް އިން އެމްއޯޔޫއެއްގައި ސޮއިކޮށްފި

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ލެޓްސް ގޯ މޯލްޑިވްސް އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އެމްއެމްޕީއާރްސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ އެވެ. ލެޓްސް ގޯ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި ފައުންޑާ މުހައްމަދު ރިޔާޒް އެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި މުހިންމު މާކެޓްތަކުގައި ރާއްޖެ އިޝްތިހާރުކުރުން ހިމެނޭ އެވެ.

އެގޮތުން މިހާރު ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ރަޝިއާގައި ރާއްޖެ އިޝްތިހާރުކުރާނެ އެވެ.

މި އެއްބަސްވުމުގެ ދަށުން ސީއައިއެސްގެ ގައުމުތަކާއި ގަލްފް ކޯއޮޕަރޭޝަން ކައުންސިލް (ޖީސީސީ) މާކެޓްގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރާނެ އެވެ. މީގެ އިތުރުން ވެސްޓަން ޔޫރަޕްގެ އިތުރުން އޭޝިޔާ-ޕެސިފިކް (އޭޕެކް) އާއި އުތުރު އެމެރިކާގެ މާކެޓްގައިވެސް ރާއްޖެ އިޝްތިހާރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ލެޓްސް ގޯ މޯލްޑިވްސްގެ މާކެޓިން ބްރޭންޑް ކަމަށްވާ "އައި ފީލް މޯލްޑިވްސް" އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެހީތެރިވުމުގެ މަގުސަދުގައި ފަށާފައިވާ ހަރަކާތެކެވެ. މިއީ ދިވެހިރާއްޖޭގެ ޓޫރިޒަމް މާކެޓިން ދާއިރާގައި ކުރިއަރަމުން އަންނަ އައު އިސްނެގުމެކެވެ.

އެ ގޮތުން ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ގިނަ ފެއާތަކެއްގައި އައި ފީލް މޯލްޑިވްސް ބައިވެރިވާނެ އެވެ. މީގެ ތެރޭގައި މިމަހު ބާއްވާ ޗައިނާ އައިޓީބީ ފެއާ ހިމެނެ އެވެ.