ހަގީގީ މާނާގައި ރައްޔިތުން ބާރުވެރިކުރެވިގެންދާނީ އިންތިހާބީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެ މަގާމުތަކުން ދުރުކުރުމުގެ ބާރުވެސް ރައްޔިތުންގެ އަތް މައްޗަށް ދިނުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގެ ހަވަނަ އެޕިސޯޑްގައި ރައީސް މިއަދު މައިގަނޑު ގޮތެއްގައި ވާހަކަދެއްކެވީ ގާނޫނު އަސާސީއަށް ސަރުކާރުން ހުށަހަޅަން ގަސްދުކުރައްވާ ބައެއް އިސްލާހުތަކާ ގުޅޭގޮތުންނެވެ.
ރައީސް ވިދާޅުވީ ކަންކަން އިސްލާހު ކުރުމަށް ވަކި ގައުމެއްގައި ކަންކުރާ އުސޫލުން ރާއްޖޭގައި ކަންކަން ކުރަން ނުޖެހޭ ކަމަށެވެ. ސީދާ ރައްޔިތުންގެ ބާރުވެރިކަން ވަރުގަދަކުރެވި، ޔަގީންކަމާއި ކަށަވަރުކަން އިތުރުވާ ގޮތަށް ރާއްޖޭގެ ކަންކަން ބައްޓަން ކުރެވޭނެ ކަމުގައި ވިދާޅުވި އެވެ.
ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ އިސްލާހުތަކުގެ ތެރޭގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހުބުގެ ވޯޓުލުން އެކުއެކީގައި ކުރިއަށް ގެންދިއުމުގެ އިސްލާހެއް ގެންނަން ބޭނުންވަނީ އެއީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށްވާތީ ކަމަށް ވިދާޅުވި އެވެ.
"އެކަމަކު އެ އިސްލާހުތައް ގެންނާނީ ރައްޔިތުންގެ ވޯޓަކަށް ގޮސްގެން ރައްޔިތުން އެގޮތް ބޭނުންވާނަމަ،" ރައީސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ވޯޓަކީ ޕްރިފަރެންޝަލް ވޯޓިން ނިޒާމުގެ ތެރެއިން ބައްޓަންކުރެވޭ ވޯޓަކަށްވުމަށް އަބަދުވެސް ވަކާލާތުކުރައްވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. މިބަދަލާއެކު މިހާރު އޮންނަ ގޮތަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓަކަށް ދާންނުޖެހޭނެކަން ރައީސް ފާހަގަކުރެއްވި އެވެ.
"މިކަންކަން މިގޮތަށް ނިންމުމުން ހަރަދު ކުޑަވެ، އެފިޝަންސީ އިތުރުވާނެ. ނަމަވެސް މިކަން ނިންމާނީ އަޅުގަނޑުމެންގެ ތެރޭގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޕްރިފަރެންޝަލް ވޯޓިން ނިޒާމުގެ ސަބަބުން ގިނަ ރައްޔިތުންގެ ބައިވެރިވުމާ އެކީގައި، އެ ރައްޔިތުން ބޭނުންވާ ކެންޑިޑޭޓަކު ހޮވުމުގެ ފުރުސަތު މާބޮޑުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އާބާދީގެ ނިސްބަތުން ރައްޔިތުންގެ މަޖިލިސް އެކުލަވާލަމުންދާތީ މަޖިލީހުގެ ކޮންމެ ދައުރަކަށް މެމްބަރުންގެ އަދަދު އިތުރުވާތީ އެކަން ހައްލުކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅާ ގުޅޭގޮތުންވެސް ރައީސް ވަނީ ވާހަކަދައްކަވާފަ އެވެ. ރައީސް ވިދާޅުވީ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަކީ، ޑިމޮކްރަސީގައި ރަނގަޅު ކަމެއް ކަމަށް ގަބޫލުކުރައްވާތީ މަޖިލީހުގައި މިހާރު ތިއްބެވި 93 މެންބަރުންގެ އަދަދު، އެއަށްވުރެ އިތުރު ނުވާނެ ގޮތަކަށް ގާނޫނުއަސާސީ އިސްލާހު ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެމްބަރުން އިންތިހާބު ކުރެވޭ މިންވަރަށްވެސް ބަދަލުތަކެއް ގެނައުމުގައި ގެންގުޅުއްވާ ވިސްނުން ރައީސް ވަނީ ހިއްސާކުރައްވާފަ އެވެ. އެގޮތުން 2،000 އަށް ވުރެ މަދު އާބާދީތަކަށް ތިން ކައުންސިލަރުން އަދި 2،000 އަށް ވުރެ ބޮޑު އާބާދީތަކަށް ފަސް ކައުންސިލަރުން އިންތިހާބު ކުރާ ގޮތަށް ބަދަލު ކުރުމާއިއެކު އަތޮޅު ކައުންސިލްތައް އުވާލަންޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި ކައުންސިލްތަކަށް ދޫކުރެވޭ ފައިސާ ހަރަދުކުރެވެނީ ރައްޔިތުންގެ ލާބައާއި މަންފާއަށްކަން ކަށަވަރުކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީގެ ދައުރެއް އޮންނަ ގޮތަށް، ފައިސާގެ ހަރަދުތައް ބެލޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"މި ހުރިހާ ކަމެއްގައިވެސް ރައްޔިތުންގެ ހިޔާލު ހޯދާނަން. ރައްޔިތުންގެ ފެންނަ، ނުފެންނަ ވޯޓަކަށްވެސް އަހާނަން. މިކަމުގައި އަޅުގަނޑު އަމިއްލައަށް އެއްވެސް ކަމެއް ނުނިންމާނަން. ވެރިކަން ކުރަނީ ރައްޔިތުންނަށްޓަކައި، ރައްޔިތުންނާއެކު، ރައްޔިތުންނާ ގާތުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީ ހުށަހަޅާ އިސްލާހުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އާންމު ބަހުސަކަށް ހުޅުވާލާނެ ކަމަށާއި ނިންމަން މިއުޅެނީ މުސްތަގުބަލްގެ މުހިންމު ނިންމުންތަކެއް ކަމަށެވެ.
"މިކަމުގެ ހައްސާސްކަމާމެދު ހުރިހާ ރައްޔިތުންވެސް ވިސްނުން އެއީ އަޅުގަނޑު އެދޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ރިޔާސީ ދައުރު ފެށޭ ތާރީހަށް އައިސްފައިވާ ބަދަލު، އަނބުރާ ދެން އިއާދަ ކުރެވިދާނެތޯ ކުރެވުނު ސުވާލަށްވެސް ރައީސް ވަނީ ޖަވާބުދެއްވާފަ އެވެ. އެގޮތުން ރިޔާސީ ދައުރު ފެށޭ ތާރީހު ނޮވެމްބަރު 11 އަށް އަލުން ބަދަލުކުރެވިދާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމުގައި ރައީސް ވިދާޅުވި އެވެ. އެކަންވެސް ކުރެވޭނީ ގާނޫނުއަސާސީއަށް ގެނެވޭ އިސްލާހެއްގެ ތެރެއިން ކަމަށްވެސް ވިދާޅުވި އެވެ.