މުހައްމަދު އަމީން

އަމީނަށް އިތުބާރު އޮތް ކަމަށް ފާސްކޮށްފި

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް އިތުބާރު އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފި އެވެ.

މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިދިޔަ އޭޕްރީލް 29 ވަނަ ދުވަހު ހުށަހެޅީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ތިއްބެވި 12 މެންބަރުންގެ ސޮޔާ އެކު އެވެ.

އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މިއަދު ނެގި ވޯޓުގައި އަމީނަށް އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ. އަމީނަށް އިތުބާރު އޮތް ކަމަށް ޕީއެންސީގެ 54 މެންބަރުން ވޯޓު ދެއްވި އެވެ.

އެމްޑީޕީން މިނިސްޓަރު އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) އެޕްރީލް 18 ވަނަ ދުވަހު ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯއިން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި އެތައް ބަޔަކު އަމީންއަށް ތުހުމަތުތަކެއް ކުރަމުން ދަނިކޮށެވެ.

ހ. ފެންޓެނޯއީގެއަށް ޔުމްނު ވަނުމުގެ ކުރިން އެރޭ މެންދަމުގެ ވަގުތުގައި އޭނާއާ އެކު އެހެން ބަޔަކު ވަނީ މިނިސްޓަރު އަމީން ދިރިއުޅުއްވާ މއ. މާންދޫގޭދެކުނުގައި ޕާޓީކޮށްފަ އެވެ.

އެމްޑީޕީން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައިގައި ބުނެފައިވަނީ މިމައްސަލައިގައި އަމީންގެ އާއިލީ ބަޔަކު ހިމެނޭތީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ މަންފާއަށް ކަންތައްތަކެއް ކުރައްވާފައިވާ ކަމަށާއި އެއީ ގާނޫނާ ހިލާފު އަމަލެއް ކަމަށެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މައްސަލައިގެ ތަހުގީގަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް އަމީން ވަނީ މިއަދު މަޖިލީހުގެ ތަޅުމުގައި ވިދާޅުވެފަ އެވެ.