ދިރާގު

ދިރާގު އެމްއެންއެސްޔޫ ފުޓްސަލް ފިއެސްޓާ މިރޭ ފަށަނީ

ދިރާގު އެމްއެންއެސްޔޫ ފުޓްސަލް ފިއެސްޓާ މިރޭ ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މިއީ، 2013 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ ސްޓޫޑެންޓްސް ޔުނިއަން (އެމްއެންއެސްޔޫ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ރާއްޖޭގެ ކޮލެޖް އަދި ޔުނިވާސިޓީތަކުގެ މެދުގައި ބާއްވާ އެންމެ ވަރުގަދަ ފުޓްސަލް މުބާރާތެވެ.

މި މުބާރާތުގެ މަގުސަދަކީ ދަރިވަރުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، ފުޓްސަލް ހުނަރު ތަރައްގީކޮށް ކުޅުންތެރިން ބިނާކުރުމަށް އެހީތެރިވެދިނުމެވެ.

އަންހެން އަދި ފިރިހެން ޑިވިޝަން ވަކިން ކުރިއަށް ގެންދާ މި މުބާރާތުގައި ޖުމްލަ 27 ޓީމުން 500 އަށް ވުރެ ގިނަ ކުޅުންތެރިން ފެނިގެންދާނެ އެވެ.

މި މުބާރާތް ކުރިއަށްދާނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ރެހެނދި ފުޓްސަލް ދަނޑުގަ އެވެ.

މި މުބާރާތުގައި ބައިވެރިވާ ދަރިވަރުންނާ ސަޕޯޓަރުންނަށް ހާއްސަކޮށްގެން ދިރާގުން ވަނީ ހާއްސަ އޮފާތަކެއް ތައާރަފްކޮށްފަ އެވެ.

މި ގޮތުން، ދިރާގު ކަސްޓަމަރުންނަށް ޕީއެސް5 އެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފަ އެވެ. މީގެ އިތުރުން، މުބާރާތް ކުރިއަށްދާ ކޮންމެ ދުވަހަކު ދަރިވަރުންނަށް ހާއްސަ އޮފާތަކެއް ދިނުމަށް ވެސް ދިރާގުން ވަނީ ކަނޑައަޅައިފަ އެވެ.

ދިރާގަކީ، ރާއްޖޭގައި ފުޓްސަލް ފަދަ މަގްބޫލު ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.