ލަ ލީގާ

ލަލީގާ ޗެމްޕިއަންކަން ބާސާ ހޯދައިފި

ބާސެލޯނާއިން އެސްޕަނިއޯލްއާ ދެކޮޅަށް ރޭ ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށް އެޓީމުން ލަލީގާގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މި ކާމިޔާބީއާއެކު ބާސެލޯނާއަށް 36 މެޗުން 85 ޕޮއިންޓް ލިބެ އެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް މިހާރު ލިބިފައިވަނީ 78 ޕޮއިންޓެވެ. ބާކީ އޮތް ދެ މެޗުން މޮޅުވިޔަސް ރެއާލް މެޑްރިޑަށް ލިބޭނީ 84 ޕޮއިންޓެވެ. އެހެންވެ ލަލީގެ ޗެމްޕިއަންކަން ބާސާއަށް މިހާރު ވަނީ ކަށަވަރުވެފަ އެވެ.

ރޭގެ މެޗު ފެށުމުގެ ކުރިން ސްޓޭޑިއަމް ބޭރުގައި ސަޕޯޓަރުންގެ ގައިގައި ކާރެއް ޖެހުމުން 13 މީހަކަށް އަނިޔާވި އެވެ. މިކަމާ ގުޅިގެން މެޗު ވަގުތީގޮތުން މެދުކެނޑާލި އެވެ. ނަމަވެސް އެ މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ނުވާތީ މެޗު އަލުން ފެށި އެވެ.

ފުރަތަމަ ހާފް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. މެޗުގެ 53 ވަނަ މިނެޓުގައި 17 އަހަރުގެ ލަމީން ޔަމާލް ބާސެލޯނާގެ ފުރަތަމަ ލަނޑު ޖެހި އެވެ. މެޗުގެ އިތުރު ވަގުތުގައި ލަމީންގެ ޕާހަކުން ފާމިން ލޮޕޭޒް ދެވަނަ ލަނޑު ޖެހި އެވެ.

މިއީ ލަމީން ލަލީގާގައި މިސީޒަންގައި ޖެހި 8 ވަނަ ލަނޑެވެ. އޭނާ މި ސީޒަންގައި އިތުރު 13 ލަނޑު ޖަހަން ފުރުސަތު ހޯދައިދީފައިވެ އެވެ. ލަމީން ބާސެލޯނާއަށް މިހާތަނަށް ކުޅުނު 104 މެޗުގައި 24 ގޯލު ޖަހާފައިވެ އެވެ. ސްޕެއިންގެ ގައުމީ ޓީމަށް ކުޅުނު 19 މެޗުގައި 4 ގޯލު ޖަހާފައިވެ އެވެ.

މެޗުގެ 80 ވަނަ މިނެޓުގައި އެސްޕަނިއޯލްގެ ޑިފެންޑަރު ކަބްރޭރާއަށް ރަތްކާޑު ދެއްކުމާ ގުޅިގެން އެ ޓީމުން ފަހު 10 މިނެޓު ކުޅެންޖެހުނީ އެއް ކުޅުންތެރިޔަކު މަދުންނެވެ.

ޖަރުމަނުގެ ގައުމީ ޓީމުގެ އިތުރުން ބަޔާން މުނިކަށް ކޯޗުކަން ކޮށްދީފައިވާ ހަންސީ ފްލިކް ބާސެލޯނާގެ ކޯޗްކަމާ ހަވާލުވި ފުރަތަމަ ސީޒަންގައި ލަލީގާ، ކޮޕާ ޑެލްރޭ އަދި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފައިވެ އެވެ. މީގެ އިތުރުން ބާސެލޯނާއިން މި ސީޒަންގައި ވާދަވެރި ރެއާލް މެޑްރިޑް 4 ފަހަރު ބަލިކޮށްފައިވެ އެވެ.

ބާސެލޯނާއިން މިހާތަނަށް ލަލީގާގެ ޗެމްޕިއަންކަން 28 ފަހަރު މަތިން ހޯދާފައިވެ އެވެ.