ގާޒާ

ޣައްޒާގައި މަރުވި މީހުންގެ އަދަދު 53،000އަށް އަރައިފި

އިޒުރޭލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި ފަލަސްތީންގެ ޣައްޒާގައި މަރުވި މީހުންގެ އަދަދު 53،000އަށް އަރައިފި އެވެ.

ޣައްޒާއަށް އިޒުރޭލުން ހަމަލާތައް ދޭން ފަށާފައިވަނީ އޮކްޓޫބަރު 7، 2023 ވަނަ ދުވަހު އެވެ.

ޓެރެރިޒަމް ހުއްޓުވުމުގެ ނަން ބޭނުންކޮށްގެން ހަނގުރާމަ ފެށި ނަމަވެސް މިއީ ޣައްޒާ "ހިފުމުގެ" ޕްލޭނެއްގެ ދަށުން ކުރިއަށް ގެންދާ ހަމަލާތަކެއް ކަމަށް މިހާރު މުޅި ދުނިޔެވެސް ގަބޫލުކުރެ އެވެ.

އިޒުރޭލުން ކުރިއަށް ގެންދާ ނަސްލެއް ނައްތާލުމުގެ ހަމަލާތަކަށް ޖަވާބުދާރީ ކުރުވުމަށް ހަމާސްއާއި ފަލަސްތީންގެ ރައްޔިތުން ގެންދަނީ ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލަމުންނެވެ.

އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ މި ހަފްތާގެ ކުރީކޮޅު ވަނީ ހަމާސް ނެތިކޮށްލުމަށް ހަމަލާތައް އިތުރަށް ހަރުކަށިކުރާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

ހަމަލާތައް ވަރުގަދަ ކުރާނެ ކަމަށް ނަތަންޔާހޫ ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެދުއިރުމައްޗަށް ދަތުރުުފުޅެއް ކުރައްވަން ފެއްޓެވުމާ އެކު އެވެ.

ޓްރަމްޕްގެ ހަތަރު ދުވަހުގެ ދަތުރުފުޅު އިއްޔެ ވަނީ ނިންމަވާލައްވާފަ އެވެ. ޓްރަމްޕްގެ މި ދަތުރުފުޅުގައި އިޒުރޭލަށް ޒިޔާރަތްކުރައްވާފައެއް ނުވެ އެވެ.

ޓްރަމްޕްގެ ދަތުރުފުޅާ އެކު އިޒުރޭލުގެ ހަމަލާތަކަށް ހުއްޓުމެއް އަންނާނެ ކަމަށް އުއްމީދެއް ކުރެވުނު ނަމަވެސް ހަމަލާތައްވީ އިތުރަށް ވަރުގަދަ އެވެ.

ޣައްޒާގައި އިންސާނީ ހާލަތު ވަނީ ނާޒުކު ފައްތަރަކަށް ވެއްޓިފަ އެވެ. އިޒުރޭލުން ޣައްޒާ ހިސާރުކޮށް އިންސާނީ އެހީ އެތެރެކުރުން ހުއްޓުވާފައި އޮންނަތާ މިހާރު ތިން މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެހެންކަމުން ބޯފެނާ ކާއެއްޗެހީގެ އިތުރުން ބޭހާއި އެނޫންވެސް އަސާސީ އެއްވެސް އެއްޗެއް އެސަރަހަށްދަށް ނުވެއްދި ބަނޑުހައިހޫނުކަމުގެ ކާރިސާއަކާ ވަނީ ކުރިމަތިލާންޖެހިފަ އެވެ.