މޯލްޑިވިއަން އިން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި އިންޑިއާގެ ބެންގަލޫރާ ދެމެދު ސީދާ ދަތުރުތައް ފަށައިފި އެވެ.
މޯލްޑިވިއަން އިން މައުލޫމާތު ދިން ގޮތުގައި މި ދަތުރުތައް ކުރިއަށް ގެންދާނީ ހަފްތާއަކު ދެ ދުވަހު އެވެ. އެއީ އާދީއްތަ އަދި ބުރާސްފަތި ދުވަހު އެވެ.
މި ދަތުރުތަކުގެ ސަބަބުން އުތުރުގެ އަތޮޅުތަކުގެ ރައްޔިތުންނަށް މާލެއަށް ނައިސް ސީދާ ހަނިމާދޫއިން ބެންގަލޫރަށް ދަތުރުކުރެވޭނެ އެވެ. އަދި ކުރިން މާލެ އިން ބެންގަލޫރަށް ކުރި ދަތުރަށް ވުރެ ހަނިމާދޫ އިން ކުރާ ދަތުރުގައި ހޭދަވާ ވަގުތުވެސް މަދުވެގެންދާނެ އެވެ.
ބެންގަލޫރަކީ ސިއްހީ ފަރުވާއަށާއި، ތައުލީމާއި، ވިޔަފާރިއަށް ދިވެހިން ގިނައިން ދަތުރުކުރާ ތަނެކެވެ. އަދި ރާއްޖޭގެ އުތުރަކީ ތާރީހީ ތަރިކައާއި ގުދުރަތީ ރީތިކަމުން މުއްސަނދި ސަރަޙައްދަކަށް ވާތީ މިދަތުރުތަކުގެ ތެރެއިން އިތުރު ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ބެލެވޭ ކަމަށް މޯލްޑިވިއަން ބުންޏެވެ.
މޯލްޑިވިއަން އިން އިތުރަށް ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި އެ ކުންފުނީގެ ބޯޓުތައް އާ މަންޒިލްތަކަށް ދަތުރުތައް ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.