ގައުމީ ފުޓްބޯޅް ޓީމް

ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް

ސާފް 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި، އިންޑިއާ އިން ރާއްޖެ 3-0 އިން ބަލިކޮށް ފައިނަލަށް ދަތުރުކޮށްފި އެވެ.

މުބާރާތް ބާއްވާ ގައުމު ކަމަށްވާ އިންޑިއާ އިން މި މުބާރާތުގެ ފައިނަލްގައި މާދަމާ ވާދަކުރާނީ ބަންގްލަދޭޝްއާ އެވެ.

މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވޭ އިންޑިއާ އިން، ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ސްރީލަންކާ އަތުން 8-0 އިން މޮޅުވިއިރު، ދެވަނަ މެޗުގައި ނޭޕާލް އަތުން 4-0 އިން ކުރި ހޯދި އެވެ.

އަރުނާޗަލް ޕްރަދޭޝްގެ ގޯލްޑަން ޖުބިލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ސެމީ ފައިނަލް މެޗު ފެށުމާއެކު، އިންޑިއާގެ ޓީމުން ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއަށް ގިނަ ހުރަސްތަކެއް ނަގައި، ގިނަ ހަމަލާތަކެއް ދިނެވެ.

ރާއްޖޭގެ ކީޕަރު ޒަހުރާން ހަސަން ޒިޔާދު އޭރިއާ ބޭރުން އިންޑިއާ އިން ފޮނުވާލި ދެ ބޯޅައެއް މަތަކުރި ނަމަވެސް މެޗުގެ 14 ވަނަ މިނިޓްގައި އިންޑިއާ އިން ލީޑު ނެގި އެވެ. މި ލަނޑު ޖެހީ ޕްރަޝާން ޖާޖޯގެ ހުރަހަކުން ވެއްޓިގެންފައި ޑެނީ މެއިޓެއި ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްގެންނެވެ.

މެޗުގެ 21 ވަނަ މިނިޓްގައި އޮމާންގް ދޮދޫމް އިން ދެވަނަ ގޯލު ޖަހައިގެން އިންޑިއާގެ ލީޑު 2-0 އަށް ފުޅާކުރި އެވެ. އޭނާ ޕެނަލްޓީ އޭރިއާ ތެރޭގައި ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު ގޯލަށް ފޮނުވާލި އެވެ.

ފުރަތަމަ ހާފްގައި ރާއްޖޭގެ ފަރާތުން އީތަން އިބްރާހިމް ޒަކީ އަދި ކެޕްޓަން އަހުޒަމް ރަޝީދު (އަހޫ) އޭރިއާ ބޭރުން ބޯޅަ ފޮނުވާލައިގެން ގޯލެއް ޖެހޭތޯ މަސައްކަތްކުރި ނަމަވެސް އެ ހަމަލާތައް ގޯލާ ސީދާ ނުވި އެވެ. އަދި އީތަން ނެގި ކޯނަރަކުން ގޯލަށް ދިޔަ ބޯޅަ އިންޑިއާގެ ކީޕަރު ސޫރަޖް ސިންގް މަތަކުރި އެވެ.

ދެވަނަ ހާފްގައި ބޯ ވިއްސާރައިގެ ތެރޭގައި ކުޅެމުންދިޔައިރު، 66 ވަނަ މިނިޓްގައި ޖާޖޯ ވޮލީއަކުން ޖެހި ބޯޅަ ޒަހުރާންގެ އަތްދަށުން ގޯލަށް ވަނުމުން އިންޑިއާގެ ލީޑު 3-0 އަށް ފުޅާވި އެވެ.

މެޗުގެ 70 ވަނަ މިނިޓްގައި ނައްސާހު އިބްރާހިމް ނާސިރު އިންޑިއާގެ ޑިފެންސް ފަހަތުން ލިބުނު ފުރުސަތެއްގައި ފޮނުވާލި ބޯޅަ ކީޕަރު ސޫރަޖް މަތަކުރި އެވެ. އޭގެ ފަހުން އީތަން އޭރިއާ ބޭރުން ފޮނުވާލި ހަމަލާވެސް އަމާޒުވީ ކީޕަރު ސޫރަޖްގެ އަތަށެވެ.

މި ނަތީޖާއާއެކު ސާފް އުމުރުފުރާ މުބާރާތްތަކުގެ ވިދިވިދިގެން ތިން ސެމީ ފައިނަލުގައި ރާއްޖެ ވަނީ އިންޑިއާ އަތުން ބަލިވެފަ އެވެ.