ހަމާސްގެ އަތްދަށުން ޣައްޒާ މިނިވަންކުރުމަށް ކަމަށް ބުނެ އިޒުރޭލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ބޮންއަޅަން ފަށައިފި އެވެ. މިއީ ހަމާސްއާ އެކު ސުލްހަވުމަށް -- އެމެރިކާއާ ގަތަރު އަދި މިސްރުން ކުރި މަސައްކަތްތަށް ފޭލިވުމާ ގުޅިގެން އިޒުރޭލުން މުޅިން އަލަށް ފަށައިގަތް ކެމްޕޭނެކެވެ.
އިޒުރޭލުގެ އަސްކަރިއްޔާ -- "އައިޑީއެފް" އިން ބުނި ގޮތުން ޣައްޒާއަށް މިފަހަރުވެސް ވަރުގަދަ ހަމަލާތަކެއް ދޭނެ އެވެ. ހަމާސްގެ އެއްވެސް ނިޝާނެއް ހުރި ނަމަ އެ ތަނެއް ސުންނާފަތިކުރާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
މިއީ އަސްކަރީ އޮޕަރޭޝަނެއް ފެށުމަށް ކަނޑައަޅާފައި އޮތް ބާބު ހުޅުވާލުން ކަމަށްވެސް އައިޑީއެފުން ބުންޏެވެ. ފަނާކުރަނިވި ހަމަލާތަކަށް އުންމީދުކުރުމަށް އައިޑީއެފުން ވަނީ ހަމާސްއަށް ދައުވަތުދީފަ އެވެ.
އައިޑީއެފުން ބުނި ގޮތުން މި ފަހަރުގެ ހަމަލާތަކުގައި، ހަމާސްގެ އަތްދަށުގައި ތިބި ހުރިހާ އަސީރުން -- ތިބި ތަނަކުން ހޯދައި ގެއަށް ގެންދާނެ އެވެ. އެ ނޫން ގޮތެއްގައި، އަސީރުންނާ އެކު މުޅި ތަން ސުންނާފަތިކުރާނެ ކަމުގެ އިންޒާރު އައިޑީއެފުން ވަނީ ދީފަ އެވެ.
އިޒުރޭލުން މި އޮޕަރޭޝަން ފަށައިގަތުމަށް ދިން ހަމަލާތަކުގައި 115 މީހަކު މަރާފައިވާ ކަމަށް ނޫސް އެޖެންސީތަކުން ބުނެ އެވެ. މިއީ އިއްޔެ، ހުކުރު ދުވަހު ދިން ހަމަލާތަކުގައި އެކަނި މަރުވި އަދަދެވެ.
އިޒުރޭލުގެ ނޫސްތަކުން ބުނާ ގޮތުން އައިޑީއެފްގެ ވިސްނުމަކީ މުޅި ޣައްޒާ ހިސާރުކުރުމެވެ. އެއަށް ފަހު ފަލަސްތީނަށް އުފަން އެކަކަށްވެސް އެ ސަރަހައްދަށް ނޭރޭނެ ކަމަށް ޓައިމްސް އޮފް އިޒުރޭލުން ބުންޏެވެ.
އިޒުރޭލުގެ އަނިޔާވެރި ހަމަލާތައް، އޮކްޓޯބަރު 7، 2023 ގައި ފަށައިގަތް ފަހުން 53،000 އަށް ވުރެ ގިނަ މީހުން ވަނީ މަރާފަ އެވެ. މިއީ ރަސްމީ ލިޔުންތަކުން ދައްކާވަރު ނަމަވެސް، ހަގީގަތުގައި މަރުވި މީހުންގެ އަދަދު މިއަށް ވުރެ ބޮޑުތަން އިތުރުވާނެ އެވެ.