ފިނޭންސް މިނިސްޓްރީ

ލޯނަށް ކުރި ހޭދައާއި އެކު ހަރަދު 15ބިލިއަނަށް

ލޯނުތައް ދެއްކުމަށް ކުރި ހޭދައާއެކު ދައުލަތުގެ ބަޖެޓުން މި އަހަރު 15 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން ފެށިގެން މިމަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ލޯނުތައް ދެއްކުމަށް ކުރި ހޭދައާއެކު ދައުލަތުގެ ހަރަދު ހުރީ 15.6 ބިލިއަން ރުފިޔާގަ އެވެ.

މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 17.4 ބިލިއަން ރުފިޔާގަ އެވެ.

ލޯނުތައް ދެއްކުމަށް މި އަހަރު 2.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދައްކަން ހޭދަކުރީ 955.2 މިލިއަން ރުފިޔާ އެވެ.

ލޯނު ދެއްކުމަށް ކުރި ހޭދަ އިތުރުވި ނަމަވެސް ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މި އަހަރު ދަށްވެފަ އެވެ.

ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދު - މޭ 8 ގެ ނިޔަލަށް

  • މުސާރަ، އިނާޔަތް އަދި ޕެންޝަން: 2025 - 4.8 ބިލިއަން ރުފިޔާ | 2024 - 4.4 ބިލިއަން ރުފިޔާ
  • އިދާރީ އަދި ހިންގުމުގެ ހަރަދު: 2025 - 6.4 ބިލިއަން ރުފިޔާ | 2024 - 7.3 ބިލިއަން ރުފިޔާ
  • ކެޕިޓަލް ހަރަދު: 2025 - 1 ބިލިއަން ރުފިޔާ | 2024 - 3.8 ބިލިއަން ރުފިޔާ

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ދައުލަތަށް ލިބުނު އާމްދަނީ ވަނީ މި އަހަރު އިތުރުވެފަ އެވެ.

އެ ގޮތުން މި މުއްދަތުގައި އާމްދަނީގެ ގޮތުގައި 14.2 ބިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނީ 13.3 ބިލިއަން ރުފިޔާ އެވެ.

އާމްދަނީ - މޭ 8 ގެ ނިޔަލަށް

  • ޓެކްސް އާމްދަނީ: 2025 - 11 ބިލިއަން ރުފިޔާ | 2024 - 10.8 ބިލިއަން ރުފިޔާ
  • ޓެކްސް ނޫން އާމްދަނީ: 2025 - 3 ބިލިއަން ރުފިޔާ | 2024 - 2.2 ބިލިއަން ރުފިޔާ
  • ހިލޭ އެހީ: 2025 - 83.8 މިލިއަން ރުފިޔާ | 2024 - 236.9 މިލިއަން ރުފިޔާ

ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި މި އަހަރުގެ މި މުއްދަތުގައި ބަޖެޓް ޕްރައިމަރީ ބެލެންސް ހުރީ 3.6 ބިލިއަން ރުފިޔާ އަރަނީގަ އެވެ. މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 539 މިލިއަން ރުފިޔާ ޑެފިސިޓްގަ އެވެ.

އޯވަރޯލް ބެލެންސް މި އަހަރުގެ މި މުއްދަތުގައި 1.9 ބިލިއަން ރުފިޔާ އަރަނީގައި ހުރިއިރު މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 2.3 ބިލިއަން ރުފިޔާ ޑެފިސިޓްގަ އެވެ.