އަބްދުﷲ ޝާހިދު

ޑިމޮކްރަސީ ނައްތާލަން ފުރުސަތެއް ނުދޭނަން: ޝާހިދު

ބުރަ މުސައްކަތުން ދިވެހިން ހޯދި ޑިމޮކްރެޓިކް ނިޒާމު ހުދުމުހުތާރުކަމުގެ ތެރެއަށް ގެނބެމުންދާ ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަންގެ އެގްޒެކެޓިވް މީޓިންގައި އިއްޔެ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ޑިމޮކްރަސީގެ ހުޅުކޮޅު ނިއްވާލުމަށް މަސައްކަތް ކުރަމުން ކަމަށެވެ. ސަރުކާރުން ބޭނުންވަނީ ޑިމޮކްރަސީގެ އިރު އޮއްސޭތަން ދެކެން ކަމަށްވެސް ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެމްޑީޕީގެ ސަރުކާރުން ގައުމުގެ މިނިވަންކަން ނަގާލާކަމަށް ވިދާޅުވެ ދޮގު ހައްދަވައިގެން ކަމަށާއި ރައީސް މުއިއްޒު ދޮގުތައް ހެއްދެވީ ދިވެހިން ބައިބައިކުރަން ކަމަށެވެ.

"އެކަން ހާމަވެގެން ދިޔައީ ވެރިކަމަށް އައިތާ މާގިނަ ދުވަހެއް ނުވެ، ބޭރުގެ ސިފައިން ނެތް ކަމަށާއި، ބޭރު ގައުމުތަކާއެކު އެމްޑީޕީ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކަކީ އެކަމުގައި ކަންބޮޑުވާން ޖެހޭކަމެއް ނެތް އެއްބަސްވުންތަކެއް ކަމަށް އެމަނިކުފާނު އަމިއްލަފުޅަށް އެއްބަސްވުމުން،" ޝާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން ނިމިދިޔަ ނޮވެމްބަރު މަހު، މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލިދާނެ ހާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާއެކު، ޑިމޮކްރަސީގައި އަނެއްކާވެސް އިތުރު ފިޔަވަޅެއް ރާއްޖެ ފަހަތަށް އެޅިކަން ޝާހިދު ފާހަގަކުރެއްވި އެވެ. އެމައްސަލަ ކޯޓަށް ހުށަހެޅުމުން މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާއެކު، ސުޕްރީމް ކޯޓަށް ގޮންޖައްސަވައި އެ ކޯޓުގެ ފަނޑިޔާރުން ބޭރުކުރުމަށް ސަރުކާރުން ކުރި ގާނޫނާ ހިލާފަށް އަމަލުކުރެއްވި ކަމަށް ވިދާޅުވެ އެކަމުގެ ތަފްސީލްތައްވެސް ޝާހިދު ހިއްސާކުރެއްވި އެވެ.

ޝާހިދު ވިދާޅުވީ ރައީސް މުއިއްޒުގެ ނުފޫޒުގައި ރާއްޖޭގެ އެންމެ މަތީ ކޯޓު އޮތީ ވާކޮށްފައި ކަމަށާއި، މިނިވަން މުއައްސަސާތަކަށް މިނިވަންކަން އޮތީ ހަމައެކަނި ނަމެއްގައި ކަމަށެވެ. ވަކިން ހާއްސަކޮށް އިލެކްޝަންސް ކޮމިޝަނާއި އެންޓިކޮރަޕްޝަން ކޮމިޝަނަކީ ރައީސުލްޖުމްހޫރިއްޔާގެ ޕަޕެޓުން ކަމަށް ސިފަކުރެއްވި އެވެ.

ޝާހިދު އިތުރަށް ވިދާޅުވީ މިހާރު އޮތް އާ ރާއްޖެއަކީ ސުވާލެއް ކޮށްލައިގެން ހައްޔަރުކުރެވޭ، އަނގަ ބަންދުވެފައިވާ މަޖިލީހެއް އޮތް، ޝަރުއީ ނިޒާމު ބޮއްސުންލާފައިވާ ގައުމެއް ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީގެ އަނގަ ބަންދު ނުކުރެވޭނެ ކަމަށާއި، އެމްޑީޕީ މަޑުން ނޯންނާނެ ކަމުގެ ޔަގީންކަންވެސް ދެއްވި އެވެ.

"އެމްޑީޕީން އޮތީ ޑިމޮކްރަސީގައި ފަހަތަށް ދާތީ އެކަމާ ހިތާމަކުރާކަށް ނޫން. އޭގެ ބަދަލުގައި އެ ގޯސްތައް ބަދަލުކުރަން މަސައްކަތް ކުރާނަން. ޑިމޮކްރަސީއަކީ ރާއްޖެއަށް އިމްޕޯޓްކޮށްގެން އުޅޭ އެއްޗެއް ނޫން. އެއީ ދިވެހި ރައްޔިތުން އުފާވެރި މާދަމާއެއްގެ އުއްމީދުގައި ބުރަ މަސައްކަތްކޮށްގެން ގުރުބާންވެގެން ހޯދި ރައްޔިތުންގެ ހައްގެއް،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދުގެ ވާހަކައިގައި ވަނީ ދިވެހިންނާ އެކު ތިބުމަށް މި ބައްދަލުވުމުގައި ބައިވެރިވި ގައުމުތަކުގެ މަންދޫބުންނަށް ގޮވާލައްވާފަ އެވެ. އަދި ޝަރުއީ ދާއިރާގެ މިނިވަންކަމަށާއި، ތެދު ހަބަރު ލިޔާ ނޫސްވެރިންގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައާއި ސުލްހަވެރިކަމާއެކު އިހްތިޖާޖުކުރާ ޒުވާނުންނާއެކު ތިބުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ޝާހިދު ގޮވާލެއްވި އެވެ. ސަރުކާރުގެ ހުދުމުހުތާރުކަން ކިތަންމެ ބޮޑަސް، ޑިމޮކްރަސީ ރާއްޖޭގައި ފޮހެވިގެން ދިޔަ ނުދޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.