ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޝަރުއީ ދާއިރާގެ މިނިވަންކަން ދަމަހައްޓާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
ޝަރުއީ ދާއިރާގެ މިނިވަންކަމާ ގުޅޭގޮތުން ޑރ. ޚަލީލް ވާހަކަދައްކަވާފައި މިވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު މިދިޔަ ހަފްތާ މަގާމުން ވަކިކޮށްފައި ވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގައި އަދި ޖޭއެސްސީގައި ސަރުކާރުގެ ފުރިހަމަ ބާރުވެރިކަން އޮތުމުން ދެ ފަނޑިޔާރުން މަގާމުން ވަކިކުރީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށް ބުނެ ސޯޝަލްމީޑިއާގައި އިދިކޮޅު ފަރާތްތަކުން ގެންދަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔަމުންނެވެ.
ފާޑުކިޔުންތަކުގެ ދިފާއުގައި ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޚަލީލް ވިދާޅުވީ ދެ ފަނޑިޔާރުން ވަކިކޮށްފައިވަނީ ތަހުގީގަކަށްފަހު ކަމަށެވެ. އެކަމަކު މައްސަލައިގެ ހަގީގަތް އޮޅޭގޮތަށް އިދިކޮޅު ފަރާތްތަކުން ބައިނަލްއަގްވާމީ އެކި ފަރާތްތަކަށް މައުލޫމާތު ހިއްސާކުރަމުންދާތީ މިނިސްޓަރު ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ. އިދިކޮޅު ފަރާތްތަކުންސް ޒިންމާދާރު ކަމާއިއެކު ހަގީގަތާ އެއްގޮތަށް މައުލޫމާތު ފެތުރުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ސުޕްރީމް ކޯޓުން ވަކިކުރި ދެ ފަނޑިޔާރުންގެ މައްސަލައިގައި އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ބެއިޖިން އަށް ވަޑައިގެން ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ކަންބޮޑުވުންތައް ހިއްސާކުރައްވާފަ އެވެ.