ދުނިޔެ

އެޕަލުން ފަތްޖެހި އައިފޯނެއް ޓެސްޓްކުރަނީ، ކެމެރާ ސްކްރީން ދަށުގައި

އެޕަލްގެ އައިފޯން އާއިލާއަށް ލޯބިކުރާ މީހުންނަށް ލަސްތަކެއް ނުވެ ފަތްޖެހި އައިފޯނެއް ލިބިދާނެ އެވެ. ދެކުނު ކޮރެއާއިން ލިބޭ ޚަބަރުތައް ބުނާ ގޮތުން، 2026 ގެ ފަހުކޮޅު ނުވަތަ 2027 ގައި އެޕަލުން ފަތްޖެހި އައިފޯނެއް ތައާރަފުކުރާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފަތްޖެހި އައިފޯނުގައި ކެމެރާ ލޯވަޅު ސާފުކޮށް ފެންނާކަށް ނުހުންނާނެ އެވެ. ކެމެރާ އިންދާނެ ކަމަށް ބުނެވެނީ ޑިސްޕްލޭ ދަށުގަ އެވެ. މިއީ ސެމްސަންގް ބައެއް ފޯނުތަކުގައި މިހާރުވެސް ކެމެރާ އިންނަ ގޮތެވެ.

ފަތްޖެހި އައިފޯނު މާކެޓަށް ނެރެން އަދި ދުވަސްތައް އޮތުމުން ޑިޒައިނަށް ބޮޑެތި ބަދަލުތަކެއް އެޕަލުން ގެނައުން އެކަށީގެންވެ އެވެ. ނަމަވެސް، މިހާރު ދެކެވޭ ވާހަކަށް ބަލާއިރު، ފިންގާޕްރިންޓް ސްކޭނަރު އިންނާނެ ކަމަށް ވަނީ ފޯނުގެ އަރިމަތީގަ އެވެ.

އާދައިގެ އައިފޯން މޮޑެލްތަކަށް ވުރެ ފަތްޖެހި އައިފޯންގެ ސްކްރީން ތަންކޮޅެއް ކުޑަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޚަބަރުތައް ބުނެ އެވެ. މި ގޮތަށް ޑިޒައިނަށް ބަދަލު ގެންނަން ޖެހެނީ ސްކްރީން ފަތްޖާފައި އޮންނައިރު، ސްކްރީނުން ލެނބޭ ހިސާބުގައި ހުންނަ ރޫ ކުޑަކޮށް ފާޅުކަން ކުޑަކުރުމަށް ކަމަށް ބުނެވެ އެވެ.

ސްމާޓްފޯން މާކެޓަށް ފަތްޖެހި ފޯނުތައް ތައާރުފުކޮށް އާކަން ކެނޑިފައި އޮތް ނަމަވެސް، ފަތްޖެހި ފޯނު މާކެޓަށް އެޕަލުން އަދި ނުވަދެ އެވެ. އެޕަލް އަކީ ފޯނުތަކުގެ ޑިޒައިނަށް ވަރަށް ބޮޑަށް ވިސްނާ ކުންފުންޏަކަށް ވާތީ، ހަމަ އެއްޗަކަށް އެއްޗެއް ހަދައި ބޭނުންކުރާ މީހުންނަށް ދޭން ބޭނުންނުވަނީ އެވެ.