މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނަށް ހާއްސަކޮށްގެން ފުޓްބޯޅަ މުބާރާތެއް މިއަދު ފަށައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފެށި މި މުބާރާތް އިފްތިތާހް ކޮށްދެއްވީ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފްއެވެ.
މި ރަސްމިއްޔާތުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިޙްސާނާއި ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރުގެ އިތުރުން ކަރެކްޝަންސްގެ އެކި ރޭންކްތަކުގެ އޮފިސަރުން ބައިވެރިވި އެވެ.
ކަރެކްޝަންސް އިން ބުނީ މިފަދަ މުބާރާތެއް އިންތިޒާމު ކުރުމުގެ ބޭނުމަކީ ގައިދީންގެ މެދުގައި އެކުވެރިކަން އާލާކޮށް، ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް ބާރުއެޅުމާއި ހުސް ވަގުތުތައް ބޭނުންތެރި، އުފާވެރި ގޮތެއްގެ ހޭދަކުރުމަށް ބާރު އެޅުން ކަމަށެވެ. އަދި މިފަދަ ހަރަކާތްތަކުގައި ގިނައިން ބައިވެރިވުމަކީ ގައިދީންގެ އުޅުމާއި އަހްލާގަށް ހެޔޮ ބަދަލު އައިސް، އިސްލާހުވުމަށް ލިބޭ އިތުރު ހިތްވަރަކަށް ވާނެ ކަމަށް ކަރެކްޝަންސް އިން ދެކެ އެވެ.

މި މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން އެންމެ ޕޮއިންޓް ގިނަ ދެ ޓީމު ފައިނަލްގައި ވާދަކުރާ ގޮތަށެވެ. މި މުބާރާތުގައި ހަ ޓީމަކުން ބައިވެރިވެފައިވާއިރު، ކޮންމެ ޓީމެއްގައި 14 ކުޅުންތެރިންނާއި ފަސް އޮފިޝަލުން ހިމެނެ އެވެ. މި މުބާރާތުގައި އެކި ގައުމުތަކުގެ ބައެއް ގައިދީންނާއެކު ޖުމްލަކޮށް 114 ގައިދީން ބައިވެރިވެ އެވެ.
މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ރިހެބިލިޓޭޝަނަށް ހާއްސަ ލަވައެއް މިނިސްޓަރު އިހްސާން އިފްތިތާހް ކޮށްދެއްވި އެވެ. އަދި މުބާރާތުގައި ކުޅޭ ކުޅުންތެރިންގެ ފަރާތުން މިނިސްޓަރަށާއި ޕީޖީ އައްބާސްއަށް ހަދިޔާއެއްގެ ގޮތުން އަތްތެރި މަސައްކަތުން ހަދާފައިވާ ދެ ޓުކުރި އެރުވި އެވެ.

މުބާރާތް ފެށި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ގައިދީން ޖަލުން ނިކުމެގެންދާއިރު އެ މީހުންނަކީ ޒިންމާދާރު އަދި އެންމެންވެސް ފަހުރުވެރިވާ ބަޔަކަށް ހެދުމަށްޓަކައި އެކިއެކި ޕްރޮގްރާމްތައް ހިންގޭ ކަމަށެވެ. ގައިދީންގެ ކިބައިން މިނިސްޓަރު އެދިވަޑައިގަތީ ގޮޅިތަކަށް އަނބުރާ ގޮސް ދެން ތިބޭ ގައިދީންނަށްވެސް ގައިދީންނާ ގުޅޭ ކަންކަމުގައި ބައިވެރިވުމަށް ބާރުއަޅައި، ޖަލުގައި ހޭދަކުރާ މުއްދަތަކީ ދެފަރާތަށްވެސް ފަސޭހަކޮށް، އެންމެން ގުޅިގެން އެއް ދިމާލަކަށް މަސައްކަތްކުރެވޭނެ ގޮތަށް މަސައްކަތްކޮށް، ވިސްނައިދިނުން ކަމަށެވެ.

ކޮމިޝަނާ ޒަރީރު ވިދާޅުވީ ކަރެކްޝަނަލް ސާވިސްގެ މަސައްކަތަކީ ވަރަށް މުހިއްމު ގައުމީ މަސައްކަތެއް ކަމަށާއި ޖަލުގައި ތިބި މީހުންގެ ތެރޭގައި ގާތްގަނޑަކަށް 80 އިންސައްތައަކީ އުމުރުން 35 އަހަރަށް ވުރެ ހަގު ޒުވާނުން ކަމަށެވެ. އެއީ މި ގައުމުގެ މުސްތަގުބަލް ކަމަށާއި ރަނގަޅު ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގައިގެން އެމީހުން ޖަލުން ސަލާމަތްކޮށް މުޖުތަމައަށް ހިދުމަތްކުރާނެ ބަޔަކަށް ހެދުމަކީ އަމާޒެއް ކަމުގައިވެސް ވިދާޅުވި އެވެ.