ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކޮށްފި އެވެ.
އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 80 ރުފިޔާ ބަހަން ނިންމީ ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގަ އެވެ.
މި ޖަލްސާގައި 162 ހިއްސާދާރުންނާއި 67 ޕްރޮކްސީ ހޯލްޑަރުން ބައިވެރިވި އެވެ. ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކުރީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99.99 ޕަސެންޓް ވޯޓުންނެވެ.
އަހަރީ އާންމު ޖަލްސާގައި ވަނީ 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އާއި 2024 ވަނަ އަހަރުގެ އޮޑިޓް ކުރެވިފައިވާ މާލީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓު ފާސްކޮށްފަ އެވެ. އަދި ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޑެލޮއިޓް ހަމަޖައްސައި އެ ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި 67،500 ޑޮލަރު ދިނުމަށް ނިންމާފަ އެވެ.
އެސްޓީއޯއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ލިބުނެވެ.
އެސްޓީއޯއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ކުންފުންޏެވެ. އެގޮތުން ތެލާއި ބޭހާއި އަދި ކޮންސްޓްރަކްޝަން ސާމާނުގެ އިތުރުން ކާބޯތަކެތީގެ ބާވަތްތަކުގެ ވިޔަފާރި އެސްޓީއޯއިން ދަނީ ކުރަމުންނެވެ.