އެމެރިކާ

މޫޑީސް އިން އެމެރިކާގެ ކްރެޑިޓް ރޭޓިން ދަށްކޮށްފި

މޫޑީސް ރޭޓިން އިން ހުކުރު ދުވަހު އިއުލާންކުރި ގައުމުތަކުގެ ރޭޓިންގައި އެމެރިކާގެ ކްރެޑިޓް ރޭޓިން އެއް ފަށަލަ ދަށްކޮށްފި އެވެ. އެގޮތަށް ނިންމީ އެމެރިކާގެ ދަރަނީގެ ޑެފިސިޓް ދިގު މުއްދަތަކަށް ދެމިގެންދާނެ ކަމަށް ބެލެވޭތީ އެވެ.

މޫޑީސްގެ 21 ފަށަލައިގެ ރޭޓިން ނިޒާމުގައި އެމެރިކާގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައިވަނީ އެންމެ މަތީ ފަށަލަ ކަމުގައިވާ އޭއޭއޭ އިން އޭއޭވަން އަށެވެ. އަދި އެމެރިކާއާ މެދު ދެކޭގޮތް ނެގެޓިވްއިން ސްޓޭބަލްއަށް ބަދަލުކުރެވުނެވެ.

މޫޑީސް އިން ބުނާ ގޮތުގައި އެގޮތަށް ދަށްކުރަން ޖެހުމުން ދައްކުވައިދެނީ 10 އަހަރަށް ވުރެ ގިނަ މުއްދަތެއްގައި ސަރުކާރުގެ ދަރަނި އަދި އިންޓްރެސްޓް ފައިސާގެ ނިސްބަތް އިތުރުވެ އެފަދަ ރޭޓިންގައި އޮތް އެހެން ގައުމުތަކަށްވުރެ ރޭޓުތައް މަތިވެފައިވާ މިންވަރު ކަމަށެވެ.

"އެމެރިކާގެ އެކިއެކި ސަރުކާރުތަކުންނާއި ކޮންގްރެސް އިން ބޮޑެތި އަހަރީ ފިސްކަލް ޑެފިސިޓްތަކާއި އިތުރުވަމުންދާ އިންޓްރެސްޓް ހަރަދުތައް ދަށްކުރުމަށް އެއްބަސްވުމަށް ވަނީ ނާކާމިޔާބުވެފައި," މޫޑީސްގެ ރިވިއުގައިވެ އެވެ.

މޫޑީޒްސް އިން އިތުރަށް ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާ ސަރުކާރުގެ މާލީ ހާލަތު ދަށަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ ތެރޭގައި މެޑިކެއާ އަދި ސޯޝަލް ސެކިއުރިޓީ ފަދަ ޕްރޮގްރާމްތަކަށް ކުރެވޭ ހަރަދު އެމެރިކާގެ އާބާދީގެ އުމުރުފުރާ ދޮށިވަމުންދާތީ އިތުރުވާނެ ކަމަށާއި، މަތިވަމުންދާ އިންޓްރެސްޓް ރޭޓްތަކާއި ފުޅާވަމުންދާ ޑެފިސިޓްތަކުގެ ސަބަބުން ދަރަނީގެ އިންޓްރެސްޓް ފައިސާ އިތުރުވާނެ ކަމަށެވެ.

"ކުރިއަށް އޮތް ދިހަ އަހަރުގައި ލަފާކުރަނީ އެންޓައިޓަލްމަންޓް ހަރަދުތައް އިތުރުވަމުންދާއިރު ސަރުކާރުގެ އާމްދަނީ ތިރިވެފައި ހުންނާނެތީ ބޮޑެތި ޑެފިސިޓްތައް އުފެދޭނެ ކަމަށް މީގެ ސަބަބުން ސަރުކާރުގެ ދަރަނި އަދި އިންޓްރެސްޓް ބުރަ މަތިވެގެންދާނެ. އެމެރިކާގެ ފިސްކަލް ފެންވަރު ކުރީގެ އަމިއްލަ ފެންވަރަށް ވުރެ އަދި އެހެން މަތީ ރޭޓިން އޮތް ގައުމުތަކާ އަޅާކިޔާއިރު ދަށަށް ދާނެ," ރިވިއުގައިވެ އެވެ.

އެމެރިކާގެ ކްރެޑިޓް ރޭޓިން އެއް ފަށަލަ ދަށްކުރި ނަމަވެސް މޫޑީސް އިން އެމެރިކާއާ މެދު ދެކޭގޮތް "ނެގެޓިވް" އިން "ސްޓޭބަލް" އަށް ބަދަލުކޮށްފައިވެ އެވެ. މިބަދަލު ގެނައި ސަބަބަކީ އޭއޭވަން ފަށަލައިގައި "ބެލެންސްޑް ރިސްކްސް" ހުރި ކަމަށް ދެކޭތީ އެވެ.

މޫޑީސް އިން އެމެރިކާގެ ރޭޓިން ދަށްކޮށްފައި މިވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހުށަހެޅި ޓެކުހާ ބެހޭ ބިލަށް ހުކުރު ދުވަހު ކޮންގްރެސްގައި ހުއްދަ ނުލިބުމާ ގުޅިގެންނެވެ. ހަރުކަށި ރިޕަބްލިކަނުން އިތުރަށް ހަރަދު ކުޑަކުރުމަށް ޝަރުތުކޮށް ބިލު ހުއްޓުވުމުން، ޓްރަމްޕަށް ކޮންގްރެސްގައި ދިމާވި މަދު ސިޔާސީ ނާކާމިޔާބީތަކުގެ ތެރެއިން އެއް ނާކާމިޔާބީއަށް މިމައްސަލަ ވެފައިވެ އެވެ.