ފިނޭންސް މިނިސްޓްރީ

ސަބްސިޑީ ހޭދަ 21 ޕަސެންޓް ދަށަށް

ދައުލަތުގެ ބަޖެޓުން މި އަހަރު ސަބްސިޑީގެ ގޮތުގައި ކުރި ހޭދަ 21 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ސަބްސިޑީއަށް 1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ސަބްސިޑީއަށް މިދިޔަ އަހަރުގެ މި މުއްދަތުގައި 1.4 ބިލިއަން ރުފިޔާ ހޭދަކުރި އެވެ.

ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 14.2 ބިލިއަން ރުފިޔާ ލިބުނެވެ. ދައުލަތުގެ ހަރަދު ދަށްވުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުގެ އޯވައޯލް ސާޕްލަސް ވަނީ 1.9 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

ފާއިތުވި އަހަރުގެ މި މުއްދަތުގައި ބަޖެޓުގެ އޯވައޯލް ބެލެންސްގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ 2.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ.

ފިނޭންސްގެ ރިޕޯޓް ދައްކާ ގޮތުން މި އަހަރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީގެ 35.8 އިންސައްތަ ވަނީ މޭ 8 ވަނަ ދުވަހުގެ ނިޔަލަށް ލިބިފަ އެވެ.

ދައުލަތުގެ އާމްދަނީގެ 78 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. އެ ގޮތުން ޓެކުހުގެ ގޮތުގައި 11 ބިލިއަން ރުފިޔާ ލިބުނެވެ.