މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ހައްޖުވެރިން ފުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ އަމަލީ މަސައްކަތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ފަށައިފި އެވެ.
ރާއްޖެއިން މިއަހަރު ހައްޖަށް ފުރާ ފުރަތަމަ ފުލައިޓުގެ ހައްޖުވެރިން މި މަހުގެ 26 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖޭގައި މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާހު ކުރުން އެ ދުވަހު ވީއައިއޭގައި އޮންނާނެ ކަމަށެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގެ މަސައްކަތްތައް ކުރުމަށް ސައުދީ އަރަބިއްޔާގެ އިސް ވަފުދެއް ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ. މީގެ އިތުރުން މި މަސައްކަތަށް ސައުދީ އަރަބިއްޔާއިން 26 ބޭފުޅުންގެ ވަފުދެއް ރާއްޖެ އަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގެ އެޑްވާންސް ޓީމުގެ ވަފުދުން ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ބައްދަލު ކުރައްވާފަ އެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން، ދިވެހި ހައްޖުވެރިން ވީއައިއޭ އިން ފުރުމުގެ ކުރިން ސައުދީ އަރަބިއްޔާއަށް އެތެރެވުމަށް ފުރިހަމަ ކުރަން ޖެހޭ އިމިގްރޭޝަން ޕްރޮސެސް ފުރިހަމަ ކުރާނެ އެވެ. މިއާއެކު ދިވެހި ހައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތުގެ އަދަދު ވަރަށް ބޮޑަށް މަދުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.