ހުޅުމާލޭގައި ހުންނަ އެސްޓީއޯ ސްމާޓް ސްޓޯ، ފާމަސީއަކަށް ބަދަލުކުރަން ނިންމައިފި އެވެ.
ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ ސްމާޓް ސްޓޯ، ފާމަސީއަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ދެ ހަފުތާގެ ތެރޭގައި އެ މަސައްކަތް ނިންމާ އަލުން ހުޅުވާނެ ކަމަށެވެ.
ސްމާޓް ސްޓޯ، ފާމަސީއަކަށް ބަދަލުކުރަނީ މިހާރަށްވުރެ ރަނގަޅަށް ހުޅުމާލެއިން ބޭހުގެ ހިދުމަތް ދިނުމަށް ކަމަށް ޝިމާދު ވިދާޅުވި އެވެ.
މީގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައިވެސް އެސްޓީއޯގެ ފާމަސީއެއް ހުޅުވުމުގެ ވިސްނުން ގެންގުޅޭ ކަމަށާއި ފަސޭހައިން ބޭސް ލިބޭނެ ގޮތްތައް ފަހިކުރުމަށް ހާއްސަ އިސްކަމެއްދޭ ކަމަށޤ ޝިމާދު ވިދާޅުވި އެވެ.
ޝިމާދު ވިދާޅުވި ގޮތުގައި އެސްޓީއޯގެ އަމާޒަކީ ބޭސް ހޯދަން އަންނަ މީހުންނަށް ކޮލިޓީ ބޭސް ހުސްނުވެ ފޯރުކޮށްދިނުމެވެ.
އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި މެދުވެރިކޮށް ހުރިހާ މުއާމަލާތެއް ކުރާ ގޮތަށް އިންތިޒާމުކޮށްފައިވާ އެސްޓީއޯގެ ސްމާޓް ސްޓޯ ހުޅުވީ ޖުލައި 2023 ގަ އެވެ.