ޕީއެސްއައިޕީ

ޕީއެސްއައިޕީއަށް މިއަހަރު 1 ބިލިއަން ރުފިޔާ ހޭދަކޮށްފި

ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ދައުލަތުގެ ބަޖެޓުން މިއަހަރު 1 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީއަށް 1.05 ބިލިއަން ރުފިޔާ ހޭދަކުރި އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ހޭދަކުރި 3.3 ބިލިއަން ރުފިޔާއަށްވުރެ 2.3 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކަށް މި އަހަރުގެ ބަޖެޓުގައި 12.3 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން މި އަހަރު އެންމެ ބޮޑު ހޭދައެއްކުރީ އެއާޕޯޓް މަޝްރޫއުތަކަށެވެ.

އެ ގޮތުން އެއާޕޯޓް މަޝްރޫއުތަކަށް 315.8 މިލިއަން ރުފިޔާ ހަރަދުކުރިއިރު ބިން ހިއްކުމުގެ މަޝްރޫއުތަކަށް 124.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ހާބަރު މަޝްރޫއުތަކަށް 96.3 މިލިއަން ރުފިޔާ ހޭދަކުރިއިރު ބްރިޖު މަޝްރޫއަށް 86.5 މިލިއަން ރުފިޔާ މި އަހަރުގެ މިހާތަނަށް ހޭދަކޮށްފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

މަގު ހެދުމުގެ މަޝްރޫއުތަކަށް 49.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ހައުސިން މަޝްރޫއުތަކަށް 66 މިލިއަން ރުފިޔާ އަދި ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް 27.9 މިލިއަން ރުފިޔާ ހަރަދުކުރި އެވެ. މީގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށް 136.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.