އެސްޓީއޯ

ފުނަދޫގައި ހުރި ތެޔޮ ޓޭންކްތައް ތިލަފުއްޓަށް ބަދަލުކުރަނީ

މާލެ ކައިރީގައި އޮންނަ ފުނަދޫގައި ހުރި ތެޔޮ ޓޭންކްތައް މިހާރު ބަދަލުކުރަން ނިންމާފައިވަނީ ތިލަފުއްޓަށް ކަމަށް އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ފުނަދޫގައި ގާއިމުކޮށްފައިވާ ފިއުލް ފާމް ކުރިން ބަދަލުކުރަން ނިންމީ ތިލަފުށި ކައިރީގައި އޮންނަ ކ. މާގިރިފަޅަށެވެ.

ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ޝިމާދު ވިދާޅުވީ މާގިރިފަޅަކީ އެންމެ ފީސިބަލް ތަނަށްނުވާތީ ތެޔޮ ޓޭންކްތައް ތިލަފުއްޓަށް ބަދަލުކުރަން ނިންމީ ކަމަށެވެ.

އެ ގޮތުން ކުރިއަށް އޮތް 30 ނުވަތަ 40 އަހަރަށް ބަލާއިރު މާގިރިފަޅު ކުޑަވާނެކަން ޝިމާދު ފާހަގަކުރެއްވި އެވެ.

ޝިމާދު ވިދާޅުވީ ތެޔޮޓޭންކްތައް ބަދަލުކުރުމުގެ ކޮންސެޕްޓް ޑިޒައިންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެ މަޝްރޫއު ނިމުމުން އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.

"ޑެންމާކުގެ ބަޔަކާއި ހަވާލުކޮށްގެން ކޮންސްޕްޓް ޑިޒައިންކުރުމުގެ މަސައްކަތް މިއަންނަ ޖޫންމަހުގަ އަޅުގަނޑުމެންނަށް ކޮންސެޕްޓް ލިބޭނެ. އަދި މި މަސައްކަތް ނިމޭއިރަށް މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށްދާނެ،" ޝިމާދު ވިދާޅުވި އެވެ.

ފުނަދޫގައި ހުރި ތެޔޮ ޓޭންކްތައް ހުސްކުރުމަށްފަހު އެތަން ސްޕެޝަލް އިކޮނޮމިކް ޒޯނަކަށް ހަދައި އެރަށުގައި ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރެއް ހެދުމަށް ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ ވީއައިއޭ ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.