ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް

ދުނިޔޭގެ ބެޑްމިންޓަން ހަރަކާތްތަކުން ރާއްޖެ ސަސްޕެންޑްކޮށްފި

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ސަސްޕެންޑްކޮށްފި އެވެ.

ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޑް ކުރި ބީއޭއެމްގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އާ ގުޅިގެން އުފެއްދި ކޮމިޓީގެ މަސައްކަތަށް، ކޮމިޝަނާ އޮފް ސްޕޯޓްސްއާ ގުޅިގެން އެމްއޯސީ އިން ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނުމަށްފަހު އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލަތައް އުފެދުނީ އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ދައުރު މިދިޔަ އަހަރުގެ މާޗު މަހުގެ 11 ވަނަ ދުވަހު ހަމަވެގެން އެތައް ދުވަހެއް ފާއިތުވިއިރުވެސް އިންތިހާބެއް ބާއްވައިގެން އާ ހިންގާ ކޮމިޓީ އެކުލަވާލެވިފައި ނުވާތީއާއި އަސާސީ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައްވެސް ގެނެވިފައި ނުވާތީ އެވެ.

ބީއެމްއޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް ބީޑަބްލިއުއެފް އިން އަންގާފައި އޮތީ އެ ޖަމިއްޔާގެ މެމްބަރަކާއި، އެމްއޯސީގެ މެމްބަރަކާއި، ބީއެމްއޭގެ އެކްސްކޯ މެމްބަރަކު ހިމަނައިގެން ތިން މެންބަރުންގެ ޖޮއިންޓް ކޮމިޓީއެއް އެކުލަވާލައި މަޝްވަރާކޮށްގެން މައްސަލަތައް ހައްލުކުރުމަށެވެ. ނިންމުންތައް ނިންމާއިރު ވޯޓަކަށް ނުދިއުމަށްވެސް އޮތީ އަންގާފަ އެވެ.

ނަމަވެސް އެމްއޯސީ އިން ވަނީ ތިން މެންބަރުންގެ ކޮމިޓީއަށް ގާނޫނީ ވަކީލަކާއި، ބެޑްމިންޓަން ކޮމިއުނިޓީގެ މެމްބަރަކު އިތުރަށް އައްޔަންކޮށްފަ އެވެ. އަދި ކޮމިޓީގެ ނިންމުންތައް ނިންމަންވާނީ ވޯޓުން ކަމަށް އެމްއޯސީ އިން އަންގާފައިވެ އެވެ. އަދި އެމްއޯސީ އިން ފަހުން ވަނީ ސްޕޯޓްސް ކޮމިޝަނަރުގެ ލަފާގެ މަތިން އެޑް-ހޮކް ކޮމިޓީއެއް އެކުލަވާލާފައި ކަމަށާއި އެއީ ބީޑަބްލިއުއެފް އިން އެކުލަވާލި ކޮމިޓީއަށް ނުފޫޒު ފޯރުވުން ކަމަށް ބަލައި ބީޑަބްލިއުއެފް އިން ވަނީ ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑް ކޮށްފަ އެވެ.

ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑްކޮށްފައިވާއިރު އެ އެސޯސިއޭޝަންގެ ތެރޭގައި ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީ އިން ދަނީ ތަހުގީގު ކުރަމުންނެވެ.