އެސްޓީއޯ

ސިޓީ ހޮޓަލުގެ ބަދަލުގައި އެސްޓީއޯއަށް އެހެން ބިމެއް

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އެސްޓީއޯއިން އިމާރާތްކޮށްފައިވާ ސިޓީ ހޮޓެލް އިމާރާތް އެހެން ބަޔަކާ ހަވާލުކޮށްފައިވާތީ އެ އިމާރާތް ހުރި ބިމުގެ ބަދަލުގައި ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން އެސްޓީއޯއަށް ބިމެއް ހަމަޖައްސައިދީފި އެވެ.

ހުޅުމާލޭގައި އެސްޓީއޯއިން އިމާރާތްކޮށްފައި ހުންނަތާ އެތައް އަހަރެއްވީ ފަސް ތަރީގެ ސިޓީ ހޮޓެލް އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި އެތަން ހިންގަން "ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް'އާ ހަވާލުކޮށްފައިވާ ކަމަށް އިއުލާންކުރީ މިމަހުގެ ދެވަނަ ދުވަހު އެވެ.

ސަރުކާރުގެ ބޭނުމަށް ހާއްސަ ކުރެވޭ އޮފީސް ބައެއް ހިމެނޭ ގޮތަށް ތަރައްގީކުރާ އެ ހޮޓެލްގެ މަސައްކަތާ ވޯލްޑް އޮފް ބިޒްނަސް ހަވާލުކުރީ އެސްޓީއޯއާއެކު ސެޓަލްމަންޓް އެގްރީމަންޓަކަށް ދިއުމަށްފަހު އެވެ.

އެސްޓީއޯ އިން ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ ހޮޓާ ހުރި ބިމުގެ ބަދަލުގައި އެޗްޑީސީއާ ވާހަކަދައްކައިގެން އެހެން ބިމެއް މިހާރު ހޯދާފައިވާ ކަމަށެވެ.

"އެ ބިން ދިން ކަމުގެ ސިޓީ ވަނީ ލިބިފައި. މިހާރު ކުރަމުން މިދަނީ ބިމުގެ އެއްބަސްވުމުގައި ސޮއިކޮށް، އެ ބިން އެސްޓީއޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް" ޝިމާދު ވިދާޅުވި އެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން އެސްޓީއޯއަށް ހަމަޖައްސައިދީފައިވަނީ 40،000 އަކަފޫޓަށް ވުރެ ކުޑަ ނޫން ބިމެކެވެ.