ހުޅުމާލެ

ހުޅުމާލޭގެ ބަނދަރުން ޖާގަ ލިބުން ދަތިވުމުން މުޒާހަރާކޮށްފި

ހުޅުމާލޭގެ ފެރީ ޓާމިނަލާ ދިމާލުން އޮންނަ ބަނދަރާއި އެ ސަރަހައްދުގެ ފަޅު ބޭނުންކުރުން މަނާކުރުމާ ގުޅިގެން އޮޑިވެރިން ހުޅުމާލެ ޖެޓީ ސަރަހައްދުގައި މުޒާހަރާކޮށްފި އެވެ.

އެޗްޑީސީ އިން ވަނީ ފެރީ ޓާމިނަލް އާއި އެފްއެސްއެމް ޝެޑާއި ދެމެދު އޮންނަ ބަނދަރު ސަރަހައްދާއި އެ ދިމާލުގެ ފަޅު އާންމުން ބޭނުންކުރުން މަނާކޮށްފަ އެވެ.

ހުޅުމާލޭގެ ފަޅު ބޭނުންކުރުމުގައި ދަތިތަކެއް ދިމާވެ އޮޑިވެރިން ހުޅުމާލެ ޖެޓީ ސަރަހައްދުގައި މުޒާހަރާކޮށްފި އެވެ.

މިކަމާ ގުޅިގެން އޮޑިވެރިން ވަނީ މިއަދު އެ ސަރަހައްދުގައި މުޒާހަރާކޮށްފަ އެވެ. އެ މީހުން ބުނީ އެވަރުގެ ނިންމުމެއް ނިންމިއިރު މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. އެކަމަކު މުޒާހަރާ ފެށުމުން އެޗްޑީސީގެ ވެރިންތަކެއް އެތަނަށް ގޮސް އޮޑިވެރިންނާ ބައްދަލުކުރި ކަމަށްވެސް ބުންޏެވެ.

އަވަސްއާ ވާހަކަ ދެއްކި އޮޑިވެރިޔަކު ބުނީ ކުއްލިއަކަށް ނިންމާ ނިންމުންތަކުގެ ސަބަބުން މާލީ ގޮތުން ގެއްލުން ލިބޭ ކަމަށެވެ. އަދި މުޒާހަރާއާއި ގުޅިގެން އެ ހިސާބު ތަންކޮޅެއް ދުރުން މިވަގުތަށް ބަނދަރުން ތަންކޮޅެއް ހަމަޖައްސައިދީފައިވާ ކަމަށް ބުންޏެވެ.

"ނަމަވެސް މިއީ އަދި މުޅިން ހައްލެއް ނޫން. އަހަރެމެން އޮޑިވެރިންނަށްވެސް ދާއިމީކޮށް އޮޑިފަހަރު ބަނދަރުކުރެވޭނެ ތަނެއް ދައްކަން އެބަޖެހޭ،" އޭނާ ބުންޏެވެ.

ހުޅުމާލޭގެ ބަނދަރު ބޭނުންކުރުމުގައި ދަތިތައް ކުރިމަތިވެ ދޭތެރެއަކުން ކޮންމެވެސް ބަޔަކު މުޒާހަރާކުރެ އެވެ.