ބޭންކް އޮފް މޯލްޑިވްސް

ރިސޯޓެއް ތަރައްގީކުރަން ބޭނުންވާ ހުރިހާ ފައިސާއެއް ބީއެމްއެލް އިސްލާމިކް އިން ހަމަޖައްސައިދީފި

ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް އެއްކޮށް ތަރައްގީކުރަން ބޭނުންވާ ފައިސާ ބީއެމްއެލް އިސްލާމިކްއިން ހަމަޖައްސައިދީފި އެވެ.

ބީއެމްއެލް އިސްލާމިކްގެ ފަރާތުން ޝަރީއާ ހަމަތަކާ އެއްގޮތަށް އިސްލާމިކް ފައިނޭންސިން ހަމަޖައްސައިދިނީ ރާއްޖޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އެލިއާ ގްރޫޕާއި ރާއްޖޭގައި ނުވަ ރިސޯޓެއް ހިންގަމުންދާ ބޭރުގެ ކުންފުންޏެއް ކަމަށްވާ އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސް ގުޅިގެން އުފައްދާފައިވާ ކުންފުނި -- ސެންޓޯރިކް އައިލެންޑް ޕްރައިވެޓް ލިމިޓެޑަށެވެ.

ސެންޓޯރިކް ކުންފުނިން ތަރައްގީކުރަން ނިންމާފައިވަނީ 118 ކޮޓަރީގެ ފައިވް ސްޓާ ފެންވަރުގެ ރިސޯޓެކެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ޝަރީއާ ހުއްދަކުރާ ހަމަތަކުގެ ތެރެއިން ރިސޯޓެއް ހެދުމަށް ފައިސާ ހަމަޖައްސައިދިނުމަކީ ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ

"މިއީ ބީއެމްއެލް އިސްލާމިކްގެ ދަށުން ފައިނޭންސް ކުރެވޭ ފުރަތަމަ ރިސޯޓް ޕްރޮޖެކްޓް އެކަންޏެއް ނޫން. މިއީ ރާއްޖޭގައި ޝަރީއާ ހަމަތަކާ އެއްގޮތަށް މުޅިން ފައިނޭންސް ކުރެވޭ ފުރަތަމަ އިސްލާމިކް ރިސޯޓް ފައިނޭންސިން ވެސްމެ. އަދި މިއީ ކޯޕަރޭޓް ސެކްޓާގައި އިސްލާމިކް ފައިނޭންސިން އިންސްޓްރޫމަންޓްތަކަށް އޮތް ޑިމާންޑް އިތުރުވަމުންދާކަން ދައްކުވައިދޭ ކަމެއް،" ޝަރީފު ވިދާޅުވި އެވެ.

ބީއެމްއެލް އިން ބުނީ މިއަދު ހަމަޖައްސައިދިން ފެސިލިޓީއާ އެކު ރާއްޖޭގެ މާލީ ދާއިރާގައި ބީއެމްއެލް އަދާކުރާ ދައުރު އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ. އަދި ޒިންމާދާރު ބޭންކިންގެ އަސާސްތައް ދެމެހެއްޓުމާއެކު އީޖާދީ ބޭންކިން ހިދުމަތެއް ފޯރުކޮށްދިނުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަވާ ކަމަށްވެސް ބުންޏެވެ.