ޔުމްނު ވެއްޓުން

ރައުދު ބަންދުކުރަން ނެރުނު އަމުރެއް އިސްތިއުނާފްކޮށްފި

ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯގެ ކުޑަދޮރަކުން މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21 އ)ގެ ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރެއް ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ރައުދުގެ ވަކީލުން ހައިކޯޓުގައި އިސްތިއުނާފް ކުރީ މި މަހު 10 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރެކެވެ. އިސްތިއުނާފް މައްސަލައިގައި މައިގަނޑު ފަސް ކަމެއް ފާހަގަކޮށްފައިވެ އެވެ. އެއީ:

  • ބަންދު އިތުރުކުރަން ފުލުހުންގެ އިދާރާއިން ގޯސް މާއްދައަކާ ހަވާލާދީ ކޯޓަށް ހުށަހެޅުން
  • އެގޮތަށް ދިމާވީ އޮޅުމަކުން ބުނެ ދެންވެސް ނުބައި މާއްދާއަކާ ހަވާލާދީ ސްޓޭންޑް ބަދަލުކުރުން
  • ހަސްމުން ހުށަހަޅާފައި ނުވާ މާއްދާއަކާ ހަވާލާދީ ގާޒީ މުއްދަތު ޖެހުން
  • ގާޒީ ހަވާލާދިން މާއްދާގައި ބުނާ ގޮތާ ހިލާފަށް މުއްދަތު ދިނުން
  • އާ ހެއްކެއް ހުށަހަޅާފައި ނުވަނީސް ހެކީގެ ނިސްބަތް ދަރަޖަ މަތިކުރުން

ރައުދުގެ ބަންދަށް ކްރިމިނަލް ކޯޓުން މިހާތަނަށް ވަނީ ހަތަރު ފަހަރަށް މުއްދަތު ދީފަ އެވެ. އެއީ:

  • 25 އޭޕްރީލްގައި ފަސް ދުވަސް
  • 30 އޭޕްރީލްގައި 10 ދުވަސް
  • 10 މެއިގައި ފަސް ދުވަސް
  • 15 މެއިގައި 20 ދުވޗަސް

އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ރައުދު ހައްޔަރުކުރުމަށް ކޯޓުގައި އަމުރަކަށް އެދުނުއިރު ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތުކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތުވެސް ކޮށްފައިވެ އެވެ.

ރައުދު މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުގެ ރޭ ހައްޔަރުކުރީ އާންމުންގެ ފާޑު ކިޔުން ބޮޑުވެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ.

ޔުމްނު ވެއްޓުނު ދުވަހުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ރައުދު ގެންގޮސް ސުވާލުކޮށް އޭނާގެ ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ނެގުމަށްފަހު ދޫކޮށްލި އެވެ. ފުލުހުން އެ ދުވަހު އޭނާ ދޫކޮށްލިއިރުވެސް ކުޑަކަމުންދާ ތަކެތި ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެސް ވެފަ އެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ ކުރިން މާލޭގެ ދެ ގެއެއްގައި މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ޔުމްނު އާއި ރައުދު ހިމެނޭހެން ޖުމްލަ ނުވަ މީހަކު މަސްތުވާތަކެއްޗާ އެކު ޕާޓީ ކުރުމުގެ ކަންތައްތަކެއް ހިންގާފައިވާކަން ފުލުހުން ކުރިން ދިން މައުލޫމާތުން އެނގެ އެވެ.

ޔުމްނުގެ ހަށިގަނޑުންވެސް ފުލުހުން ނެގި ސާމްޕަލް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފަ އެވެ. ދެން ތިބި މީހުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ނެގުމަށް އެދުމުން އެމީހުން ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. އެހެންވެ ފުލުހުން އޭރު ވަނީ އެ މީހުންގެ ސާމްޕަލް ނުނަގާ ދޫކޮށްލާފަ އެވެ.

ނަމަވެސް ފުލުހުން ފަހުން ބުނީ މި މައްސަލައިގައި ހިމެނޭ އެންމެން އަލުން ދެނެގަނެ އެ އެންމެންގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެ މީހުން ފުރުން މަނާކޮށްފައިވާ ކަމަށްވެސް ބުންޏެވެ.