ޣައްޒާގައި މިހާރު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަސައްކަތް ކޮށްދެއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިހުން، މިސްރުގެ ރައީސް އަބްދުލް ފައްތާހު އައްސީސީ އެދިވަޑައިގެންފި އެވެ.
ސީސީ ވިދާޅުވި ގޮތުން ޓްރަމްޕް އަކީ އިޒުރޭލުގެ ވެރިންނަށް ޕްރެޝަރުކުރެވޭ ވަރުގެ ނުފޫޒުގަދަ ލީޑަރެކެވެ. އަދި ޓްރަމްޕްގެ އަމުރުތަކަށް އިޒުރޭލު ގުޑާނެ ކަމަށްވެސް ސީސީ ވިދާޅުވި އެވެ.
މިސްރުގެ ރައީސް ވިދާޅުވި ގޮތުން ހަނގުރާމައަށް ވުރެ ސުލްހަ އިޒުރޭލަށް ވެސް މުހިންމުވާން ޖެހޭނެ އެވެ. މަދަނީ ހަމަޖެހުން އޮތީ ހަނގުރާމަ ހުއްޓާލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމާސް އަކީ މެދުއިރުމަތީގެ ސިޔާސީ މަންޒަރުގެ ސަފުހާއެއް ކަމަށްވެސް ސީސީ ވިދާޅުވި އެވެ. ހަމާސް ނައްތާލަން ކުރާ މަސައްކަތްތަކުން ދެން ފާޅުވާނީ އެއަށް ވުރެ ނުބައި ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާގުގެ ވެރިރަށް ބަޣްދާދުގައި އޮތް އަރަބި ލީގު ސަމިޓްގައި ވާހަކަދައްކަވަމުން ސީސީ ވިދާޅުވީ ފަލަސްތީނަށް މިނިވަން ދައުލަތެއް ނެތި ސުލްހަވެރިކަމާ އެކު އިޒުރޭލަށް ދެމި ނޯވެވޭނެ ކަމަށެވެ.
އަރަބި ގައުމުތައް އިޒުރޭލާ އެކު ގުޅުން ބަދަހިކުރުމަކީ ފަލަސްތީނަށް ފައިދާއެއް އޮތް ކަމެއް ނަމަ، އެކަން މިހާރު އޮންނާނީ ފެންނަން ފަށާފައި ކަމަށް ސީސީ ވިދާޅުވި އެވެ.
މެދުއިރުމައްޗަށް ހަމަޖެހުން ގެނައުމަށްޓަކައި 1967 ގައި ފަލަސްތީން އޮތް ގޮތަށް -- މުޅި އެ ސަރަހައްދު ފަލަސްތީނަށް ނިސްބަތްކުރަން މަޖުބޫރު ކަމަށް އޭނާ ވިދާޅުވި އެވެ.