ސީރިއާގެ ވެރިރަށް ދިމިޝްގްގައި ހުންނަ މޮރޮކޯ އެމްބަސީ 12 އަހަރަށް ފަހު އަލުން ހުޅުވައިފި އެވެ. މޮރޮކޯ އެމްބަސީ ބަންދުކުރީ ސީރިއާގެ ދާޚިލީ ހަނގުރާމައާ ގުޅިގެން 2012 ގައެވެ.
ދިމިޝްގައި މޮރޮކޯ އެމްބަސީ އަލުން ހުޅުވި ޚަބަރު އިއުލާންކުރެއްވީ މޮރޮކޯގެ ޚާރިޖީ ވަޒީރު ނާސިރު ބޫރީތާ އެވެ.
މޮރޮކޯގެ ރަސްގެފާން މުހައްމަދު ރަސްގެފާން އަރަބި ލީގު ސަމިޓަށް ފޮނުއްވި ބަޔާނެއް އިއްވަވަމުން ވަޒީރު ވަނީ ސީރިއާއާ އެކު ގުޅުން ބަދަހިކުރުމަށް މޮރޮކޯ ތައްޔާރު ކަމަށް ވިދާޅުވެފަ އެވެ.
މޮރޮކޯއިން ސީރިއާއަށް އެހީތެރިވެދެއްވާނެ ކަމަށް ޚާރިޖީ ވަޒީރު ނާސިރު ބޫރީތާ ވިދާޅުވި އެވެ. މޮރޮކޯ ދެމިއޮންނާނީ ސީރިއާގެ އަޚުންނާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.
ސީރިއާގައި 2011 ގައި ހިނގައިދިޔަ ދާޚިލީ ހަނގުރާމައާ ގުޅިގެން ގަލްފު އަރަބި ގައުމުތަކުން ސީރިއާއާ ގުޅުން ކަނޑާލި އެވެ. ސީރިއާގައި އޭރު އޮތް ބައްޝާރު އަސަދުގެ ސަރުކާރަށް ވަފާތެރި ސިފައިންގެ ފައުޖުތަކުން ވަނީ އާންމު ރައްޔިތުންނަށް ހަމަލާދީ އަދި ކެމިކަލް ބޭނުންކޮށްގެން ދިރިތިއްބައި އިންސާނުން އަންދާފަ އެވެ.
ސީރިއާގައި އޮތް އަސަދުގެ ސަރުކާރު ވައްޓާލުމަށް ފަހު އެ ގައުމުގައި މިހާރު ވަނީ ދުނިޔެ ބަލައިގަންނަ ވެރިކަމެއް ގާއިމުކޮށްފަ އެވެ. ވަގުތީ ރައީސަކަށް މިހާރު ހުންނެވީ އަހުމަދު ޝަރާއު އެވެ.
ޝަރާއުގެ ސަރުކާރަށް އެހީތެރިވާނެ ކަމަށް އަރަބި ގައުމުތަކުން ބުނެފައި ވާއިރު، އެމެރިކާއާ ޔޫރަޕުން ވެސް ވަނީ ސީރިއާ އަލުން އާބާދުކުރުމަށް އެހިތެރިވާނެ ކަމަށް ބުނެފަ އެވެ.