ވާހަކަ

ކަރުނައިގެ އަގު

( 15 މެއި 2025 އާ ގުޅޭ )

އޭނާ ހުރީ އިންތިހާއަށް ރުޅިއައިސްފައި ނަމަވެސް ސަހާނާއަށް ހަޤީޤަތް ބުނެދޭން އަދިވެސް އެއްފަހަރު ވާކިފް ބޭނުންވީ އެވެ. އަނެއްކޮޅުން އޭނާގެ ކުށް އެއްފަރާތްކުރާކަށް އަމިއްލަ ޟަމީރު ތަނެއްނުދިނެވެ. ވާކިފް ދޮރު ހުޅުވާލުމުގެ ކުރީން ސަހާނާ އައިސް އޭނާގެ ބުރަކަށީގައި ލައްވެލައިފި އެވެ. ފުރަގަހުން ގަމީހުގައި ސަހާނާ ދެ އަތުން ހިފެހެއްޓިއިރު އޭނާ ރޯން ފަށައިފި އެވެ.

"ވީކޭ... ޕްލީޒް. އަހަރެން ދޫކޮށްނުލާ. މި ގުޅުން ނިމުނީއޭ ނުބުނޭ. އަހަރެން ރަހާއާ ބައްދަލުކުރަން ދިޔައީ ވާކިފް ބޭނުންވެފައި ހުރިލެއް ބޮޑުކަމުން. އެއީ އަހަރެންނަށް ހެދުނު ގޯހެއް. ޕްލީޒް ވާކިފް... ދެން އެހެނެއްނުވާނެ. ވާކިފް ބުނިހާ ގޮތެއް ހެދިގެން ބަސްއަހައިގެން އަހަރެން އިންނާނަން. އަހަރެންނާ ތިހެން ވަކިނުވޭ. އަހަރެންނަށް އޯކޭ ވާކިފް މީހަކާ އިނދެގެން ހުއްޓަސް. ތި ހިތުގައިވަނީ އަހަރެންނޫން މީހަކަށް ވިޔަސް ހެޔޮ. އަހަރެންގެ ގާތަށް އައިސް މި ގުޅުން ކުރިޔަށް ގެންދާނަމަ އަހަރެންނަށް ކޮންމެ ގޮތެއް ވެސް ވަރިހަމަ... އެކަމަކު އަހަރެންނަށް ކެތެއްނުވާނެ. އަހަރެން ދޫކޮށްނުލާ. އާދޭސްކުރަން. އަހަރެންނަށް ވާކިފްދެކެ ލޯބިވެވިއްޖެ. ވަރަށް ބޮޑަށް ލޯބިވެވިއްޖެ. ޕްލީޒް ވާކިފް. ޕްލީޒް... ހެޔޮނުވާނެ ނުދޭ." ރޮމުން ސަހާނާ އާދޭސްކުރަމުން ދިޔައީ ވާކިފްގެ ބުރަކަށީގައި މޫނު ފޮރުވާލައިގެން ހުރެ އެވެ. އޭނާ ވާކިފް ދިޔަ ނުދޭން އޭނާގެ އުނަގަނޑުމަތިން ދެ އަތް ވަށާލައި ހިފަހައްޓާލައިގެން ހުއްޓެވެ. ނަމަވެސް ސަހާނާގެ ދެ އަތް ވާކިފް ދުރުކޮށްލީ ނުހަނު ފަސޭހަކަމާއެކު އެވެ.

"ކިތަންމެ ވަރަކަށް އާދޭސްކުރިޔަސް އަހަރެންގެ ނިންމުން ބަދަލެއްނުވާނެ. އަމިއްލަ ނަފްސުގެ އަގު ތިހެން ވައްޓާނުލާ. އަހަރެންގެ ހިތުގައި ލޯބި އޮތީ ހަމައެކަނި ރަހާއަށް. އެކަން ދުވަހަކުވެސް ބަދަލެއްނުވާނެ. ސަހާގެ އުމުރު ބޭކާރުކޮށްނުލާ. އަހަރެން ކަހަލަ މީހަކަށް ސަހާއަށް މުސްތަޤްބަލެއް ނުދެވޭނެ. ސަހާ އެދޭ ފަދަ ލޯތްބެއް ވާނޭ މީހަކާ އިރާދަކުރެއްވިއްޔާ ބައްދަލުވެދާނެ. ޔޫ އާ ސްޓިލް ޔަންގް. މުސްތަޤްބަލެއް އަދި އެބައޮތް. އަހަރެންގެ މަތިން ހަނދާންނައްތާލާ." ވާކިފް ބުންޏެވެ. އަދި އޭނާ އެންމެ ސިކުންތަކަށް ވެސް މަޑުކުރުމެއްނެތި ހަލުވި ފިޔަވަޅުގައި ސަހާނާގެ އެޕާޓްމެންޓުން ނުކުމެއްޖެ އެވެ.

ހަވީރުގެ ވަގުތެވެ. އިރުއޮއްސުމާ ކައިރިވަނީ އެވެ. ބަނަވިލާތަކުން ދުނިޔެމަތި ވަކިން އަނދިރިކޮށްފައިވެ އެވެ. ފިނިފިނި ވައިރޯޅިތައް ފަޒާގައި އެނބުރެމުންދިޔައިރު ވާރޭ އަންނަން އުޅޭކަމުގެ އިންޒާރުތައް ފަތުރަމުންދާ ފަދަ އެވެ. އެއިން ކަމަކަށް ވާކިފްގެ ސަމާލުކަމެއް ނެތެވެ. އެނބުރި ގެއަށް ދިއުމުގެ ބަދަލުގައި ވާކިފް އިނީ ހުޅުމާލޭގެ އަތިރިމަތީގައި ޖަހާފައި ހުރި ބެންޗުތަކުން ބެންޗެއްގަ އެވެ. މޫދަށް ކުރިމަތިލައިގެންނެވެ. ރަހާ ދިޔައީ ކޮންތާކަށްބާއޭ އޭނާގެ ހިތާއި ސިކުނޑިއާ ސުވާލު ކުރެވުނު އަދަދެއް ޚުދު އޭނާއަށް ނޭނގެ އެވެ. އެހެން އިންދާ އޭނާގެ ފޯނު ވައިބްރޭޓްވާން ފެށިކަމުގެ އިޙްސާސް ކުރެވި ފަޓުލޫނުގެ ޖީބުން ފޯނު ނަގައި ބަލާލި އެވެ. އޭނާއަށް ގުޅަނީ ސައިމަން އެވެ.

"ހެލޯ. ކިހިނެއްވީ؟." ސައިމަންގެ ކޯލަށް ޖަވާބު ދެމުން ވާކިފް ބުންޏެވެ.

"ހަމްމު މާލެ އަތުވެއްޖެ. އަންނަ ހަފްތާ ހޯމައިގަ މެރީ ކުރަން މިއުޅެނީ. ދާނަން ކާޑު ހަވާލުކުރަން. ކޮބާ ދައްތަ؟. ދައްތަ ގޮވައިގެން ނޫނީ ވެޑިންއަށް އައިސްގެން ނުވާނެ." ސައިމަން ބުންޏެވެ.

"ސައިމަން... ރަހާ ހިނގައްޖެ." ވާކިފްގެ އަޑު މަޑެވެ.

"ކޮންތާކަށް؟." ސައިމަންގެ އަޑުގައި ކުރީންވީ ޖޯޝު ހައިރާންކަމަށް ބަދަލުވި އެވެ.

"ނޭނގެ. ކޮންތާކުކަމެއް މިވަގުތު ހުރީ އެއްގޮތަކަށް ވެސް ނޭނގޭ. ދާން އުޅޭކަމުގެ އިޝާރާތެއް ވެސް ނުވޭ. އަހަރެން ގެއަށް އައިއިރު ރަހާއެއްނެތް. އޭނާގެ އެއްޗެހި ވެސް ނެތް." ވާކިފްއަށް ބުނެވުނެވެ. ހިތުގެ އުދާސްތައް ޚިއްޞާކުރާނޭ އެހެން މީހަކު ނެތުމާއެކު އެވެ.

"ތިއްތި ކީއްކުރީ؟. ދައްތަ ހިތްހަމަނުޖެހޭ ކަމެއް ކުރީތަ؟. އެހެންވެތަ އެ ދިޔައީ؟. އެކަނިތަ ދިޔައީ؟. ނޫނީ މީހަކާއެއްކޮށްތަ؟. ދައްތަގެ ފްރެންޑެއް ކައިރިޔަށް ދިޔައީކަމަށް ވެދާނެ. ރުޅިމަޑުވަންދެން މަޑުކޮށްފައި އެނބުރި އަތުވެދާނެ." ސައިމަން ބެލީ ވާކިފްގެ ހިތްމަރުނުވާނޭހެން ވާހަކަދައްކާށެވެ. ވާކިފް ދޫކޮށްލާފައި ރަހާ ހިނގައިދާނޭ ސައިމަންއަށް ހީނުވާތީ އެވެ.

"ރަހާއާ ޑަކްޓަރަކާ ދިމާވިތާ ދުވަސްކޮޅެއް ވެއްޖެ. މިކޮޅުގައި ހުންނަ ކުލިނިކެއްގައި އޭނާ މަސައްކަތް ކުރަނީ. އޭނާގެ ކައިރިޔަށް ރަހާ ފުދޭވަރަކަށް ގިނައިން ދާކަން އަހަރެންނަށް ފާހަގަވެފަ އޮތީ." ވާކިފްއަށް ބުނެވުނެވެ.

"ޑަކްޓަރެކޭ." ސައިމަންއަށް އަހާލެވުނެވެ.

"އާން. އަހަރެން ބެލިބެލުމުން އެއީ އާދައިގެ ޑަކްޓަރެއްނޫން. މިކޮޅުގައި ހުންނަ ހީލާސް މެޑި ކުލިނިކްގައި ވޯކް ކުރަނީ. އެތާ ބޮޑު މީހާއާ ގުޅުމެއް އޮވޭ. އޭނާގެ ކޮއްކޮކަމަށްވަނީ އެއީ. ޒުވާން ރީތި ޑަކްޓަރެއް. އުމުރުގެ ގޮތުން ރަހާއަށް ވުރެ ހަގު ވެސް ވާނެ. ކެންސަރާ ބެހޭ ބައިގެ ބޮޑަކަށް އޭނާ ހުންނަނީ. ރަހާއަށް މާ ދިނުމާއި އޭނާގެ ކާރުގައި ރަހާ ގެއަށް ގެނެސްދިނުން ފަދަ ކަންކަން ކުރާތީ އެމީހުންގެ ގުޅުމާމެދު ސުވާލު އުފެދިފައި ހުރީ. އަހަރެން ނެތިސް އަހަރެމެން ގެއަށް އޭނާ ވަދެފައި ހުރީ." ވާކިފް ބުންޏެވެ.

"ހީލާސް މެޑި ކުލިނިކް... ކެންސަރ ޑިޕާޓްމެންޓްގެ ހެޑް... ވައިޑް. އަހަރެންނަށް އެނގިއްޖެ. އެއީ ޑަކްޓަރ ޒަރަކް. ހީޒް އެން އެކްސްޕާޓް ޓްރީޓިން ލޫކީމިއާ. ތިއްތި... ތިހެން ބުނީމަ އަހަރެން ކަމެއް ހަނދާންވެއްޖެ. ކޮންތާކު ތިހުރީ. ގޭގަތަ. އަހަރެން އެބަދަން ތިކޮޅަށް." ސައިމަން ކުއްލިއަކަށް ނިކަން އަވަސްއަރުވާލާފައި ވާހަކަދެއްކި އެވެ. އޭނާގެ ހަނދާނަށް އައީ ވާކިފްގެ ގެއިން ފެނުނު ބޭސްތަކެވެ. އެއީ ކާކު ނަގާ ބޭސްތަކެއްތޯ އެހުމުން ވާކިފް އެ ދުވަހު ބުނީ ރަހާގެ ކަމަށެވެ.

"ގެއަކުނޫން. ބޭރުގައި މިއުޅެނީ." ވާކިފް ބުންޏެވެ.

"ކޮންމެތާކު ހުއްޓަސް ހަމަ މިހާރު އަވަހަށް ގެއަށް ދޭ. އަހަރެން ވެސް ތިކޮޅަށް މި ނައްޓާލަނީ." ސައިމަން މިހެންބުނެ ފޯނުކޯލު ކުރުކޮށްލީ އެވެ.

ސައިމަން އަންނާނޭހާ އިރު ކޮށްފައި ވާކިފް ގެއަށް އައެވެ. އެހެންނަމަވެސް ވާކިފް ހައިރާންވީ އޭނާ ހީކުރި ވަރަށްވުރެ ވެސް އަވަހަށް ސައިމަން އެ ގޭ ދޮށަށް އައިސް ހުރުމުންނެވެ.

"ވަޓް ޓުކް ޔޫ ސޯ ލޯންގް." ވާކިފް ފެންނަ އިރަށް ސައިމަން އަހައިފި އެވެ.

"ތިހާ އަވަހަށް އަންނާނެކަމަށް ހިޔެއްނުކުރަން. ކުއްލިއަކަށް ތި އައީ ކީއްކުރަން؟. ތި ސިކުނޑީގައި ހިނގާ އެއްޗެއް ނިކަން އަހަރެން ކައިރީ ވެސް ބުނެބަލަ." ދޮރާށިން ގޭތެރެއަށް ވަދެ ސިޑިން މައްޗަށް އަރަމުން ވާކިފް ވާހަކަދެއްކި އެވެ. ސައިމަން ޚިޔާރު ކުރީ ހިމޭންކަމެވެ. އޭނާ ކޮންމެވެސް ކަމަކާ ހާސްވެފައި ހުރިކަން ގައިމެވެ.

އެޕާޓްމެންޓްގެ ދޮރު ވާކިފް ހުޅުވާލުމާއެކު އޭނާއަށްވުރެ ކުރީން ސައިމަން އެތެރެއަށް ވަދެއްޖެ އެވެ. ދެ ފައިން ބޫޓުކިބަ ނައްޓާލުމާއެކު މަޑުކޮށްލުމެއްނެތި ސައިމަން ވަދެގެން ދިޔައީ ބޭސް ކެބިނެޓް ހުރި ކޮޓަރިއަށެވެ. ވާކިފް އެޕާޓްމެންޓްގެ ދޮރު ލައްޕާލާފައި އޭނާގެ ފަހަތުން އައެވެ. ވާކިފްއަށް އައިސް ސްޓަޑީއަށް ވަދެވުނުއިރު އެތަނުގެ ބިއްދޮށުގައި ހުރި ކެބިނެޓް ހުޅުވައިގެން އޭގައި ހުރި ބޭސްތައް ސައިމަން ބަލަނީ އެވެ. އޭނާ ބައެއް ބޭސްތަކުގެ ނަންތައް ފޯނުން ވެސް ބަލަމުން ދިޔަ އެވެ.

"ސައިމަން. ކިހިނެއްވީ؟." ވާނުވާ ނޭނގިގެން ވާކިފް ސުވާލު ކުރި އެވެ.

"ޑޫ ޔޫ ލަވް ހާ؟." ބޭސްތަކަށް ބަލަން ހުރެ ސައިމަން އަހާލި އެވެ.

"ތިބުނީ؟." ވާކިފްއަށް ސައިމަން ބުނަން އުޅޭ އެއްޗެއް ދޭހައެއްނުވި އެވެ.

"ތިއްތި ލޯބިވޭހޭ ދައްތަދެކެ." ސައިމަން ބުނި އެއްޗެއް ތަކުރާރުކޮށްލި އިރު އޭނާއަށް ދަތްކުނޑިވިކާލެވިއްޖެ އެވެ.

"އޮފްކޯޒް." ނިކަން އަވަހަށް ވާކިފް ބުންޏެވެ. އެހިނދު ސައިމަންގެ ނަޒަރު ވާކިފްއަށް އަމާޒުވެލި އެވެ. އެ ދެ ލޮލުގައިވީ ހިތާމައާއި ރުޅިވެރިކަމެވެ. ސައިމަންއަށް ޖަޒުބާތުތައް ނުހިފެއްޓުނެވެ. ވާކިފްގެ މޫނުގައި ކުރިއަށް ދަމާލި ވައަތްތިލައިން ސައިމަން ޖެހީ އެވެ.

"ތިގޮތަށް ލޯބިނުވިއްޔާ ރަނގަޅުވާނީ." ސައިމަންއަށް ބުނެވުނެވެ. ވާކިފްއަށް ލިބުނީ ސިހުމެކެވެ. ދުވަހަކުވެސް ސައިމަން އޭނާގެ މައްޗަށް އަތް އިސްކޮށްފައެއް ނެތެވެ. އެހާ ރުޅިއައިސްފައި ހުއްޓާ ވެސް ނުދެކެވެ. ސައިމަންއަކީ އަބަދުވެސް ސަކަ މިޒާޖެއްގެ ޒުވާނެކެވެ. ޚާއްޞަކޮށް ވާކިފްއަށް އޭނާ އިޙްތިރާމްކޮށް ނުހަނު ގަދަރުކުރެ އެވެ.

"ކިހިނެއްތަވީ؟. ހަތަރެސްފައިން ވާހަކަނުދައްކާ ތި ވެގެން އުޅޭ ގޮތެއް ބުނަންވެއްޖެއެއްނު." ވާކިފް ބުންޏެވެ.

"ތިއްތިއަށް އަހަރެން ވަރަށް ރެސްޕެކްޓް ކުރީން. ތިއްތިގެ ތު ދުލުން ދައްތަދެކެ ލޯބިވެޔޭ ބުނާއިރު އެނގޭތަ ތިއްތި އުޅެމުން އަންނަ ދިރިއުޅުން. ދައްތަދެކެ ލޯބިވެޔޭ ބުނާއިރު ތިއްތިއަށް ނޭނގުނު ދައްތަ ކިހާ ބަލިކަމެއް. ނޭނގުނު ދައްތަ ހުރީ ކޮންފަދަ ހާލެއްގައި ކަމެއް. ބަލާލަން ހިތަށް އެރިނަމަ މިއަދު އަހަރެންނެއްނޫން ތިއްތިއަށް މިވާހަކަތައް ކިޔައިދޭނީ. ދައްތައަށް އަންނަމުންދިޔަ ބަދަލުތައް ފާހަގަ ހަމަ ނުވާތީތަ އަޅާނުލާ ހުރީ. އަހަރެން މިގެއަށް އައިސް ދައްތައަށް ފަރުވާދިން އިރު ތިއްތި ކޮށްފައި ހުރިވަރު އަހަރެންގެ ދެ ލޮލުން ދުށީމޭ. ދެމަފިރިންގެ ދެމެދަށް ނުވަންނަންވެގެން އަޅާނުލީ. އެކަމަކު މަށަށް އެނގެނީ ތިއްތި ލޯބިވާނަމަ ދައްތައާ މެދު އެހާ އިހާނެތިކޮށް ޢަމަލުތައް ނުބެހެއްޓީސްކަން." ސައިމަންގެ އަޑު ބާރުވި އެވެ.

"ސައިމަންއަށް ކޯއްޗެއްތަ އެނގެނީ. އަހަރެންނަށް ދޯ އެނގޭނީ އަހަރެން ރަހާދެކެ ލޯބިވަންޏާ ނުވަންޏާ. އަހަރެން ކޮންމެ ގޮތަކަށް އުޅުނަސް އޭގެ މާނައަކީ އަހަރެން ރަހާ ބޭނުންނުވުމެއްނޫން. އޭނާދެކެ ލޯބި ނުވުމެއް ވެސް ނޫން." ވާކިފް ހިތްހަމަނުޖެހިފައި ހުރެ ވާހަކަދެއްކީ ތަންކޮޅެއް ބާރަށެވެ.

"އެހެންތަ؟. އެހެންވިއްޔާ ތިއްތިއަށް އެނގޭތަ... ބޭރުގައި ތިއްތި މަޖާކުރުމުގައި އުޅޭއިރު ދައްތަ ކެންސަރަށް ފަރުވާ ހޯދުމުގައިކަން އުޅެނީ. ޝީ މޭ ބީ ޑުއިން އަ ބޯންމެރޯ ޕަންޗަރ... ހިތަށް އެރިތަ، ދައްތައާއި އެ ޑަކްޓަރާ ދެމެދު ނަހަމަ ގުޅުމެއް އޮތިއްޔޭ ހީކޮށް ޝައްކު ކުރާއިރު ދައްތަ އޭނާގެ ކައިރިޔަށް އެ ދަނީ ކީމޯ ތެރަޕީ ނަގަންށޭ. ދައްތައަށް ފަރުވާކޮށްދޭ ޑަކްޓަރަކީ އޭނާއޭ... ހިތަށް އެރިތަ ތިވަރަށް ދައްތަ ބަދަލުވެގެން ޝަކުވާކުރާއިރު ދައްތަ އެ އުޅެނީ އަމިއްލަ ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންސެކުއަރ ވެގެންނޭ. ތިއްތިއަށް އެ ހަށިގަނޑުގައި ހުރި ނިޝާންތައް ފޮރުވަން ބޭނުންވަނީއޭ. ކޮންފަދަ ވޭނެއްގައިކަން ދައްތަ އެ އުޅެނީ ހިތަށް އެރިތަ؟. ދިރިހުންނަން ބޭނުންވިޔަސް ދައްތަގެ ހަށިގަނޑު އެތެރެއިން މަރުވަނީއޭ ހިތަށް އެރިތަ؟. އެވަރުވާއިރު އިންސާނަކަށް ބަދަލުތަކެއް ނައިސް ހުންނާނެ ހީވޭތަ؟." ސައިމަންގެ އަޑުގައި ރިހުންވި އެވެ. އޭނާ ވާކިފްއަށް އިހްތިރާމްކުރާއިރު ރަހާދެކެ އަމިއްލަ ދައްތައެއް ފަދައިން ލޯބިވެ އެވެ.

"ކީކޭ... ސައިމަން ކީކޭ ތި ކިޔަނީ؟. ކެންސަރޭ... ކީމޯތެރަޕީއޭ... އަހަރެންނަކަށް ނުވިސްނުނު." ވާކިފްއަށް ކުއްލި ސިހުމަކާއެކު ހިމޭންކަމެއް ވެރިވެއްޖެ އެވެ.

"މިފަހަރު ދައްތަ އެ ނިންމީ ތިއްތި ދޫކޮށްލަން. އަހަރެންނަށް ވިސްނިއްޖެ." ސައިމަން މަޑުމަޑުން ބުނެލި އެވެ. އެހިނދު ވާކިފް ވަގުތުން ސައިމަންގެ ދެ ކޮނޑުގައި ހިފައިފި އެވެ.

"ވަޓް ދަ ހެލް އިޒް ހެޕެނިންގް ޓު ހާ؟. ހެޔޮނުވާނެ... ތަންކޮޅެއް ސާފުވާނޭ ގޮތަށް ސައިމަން ކިޔާބަލަ." ވާކިފްގެ ކެތްތެރިކަން ގެއްލުނު ފަދަ އެވެ.

"މީ ވަރަށް ބާރުގަދަ ބޭސްތަކެއް. ލޫކީމިއާ... ނޭނގެ ކިހާ ދުވަހަކުކަމެއް ދައްތަ ހުންނާނީ." ހިތްދަތިވެފައިވާ އަޑަކުން ސައިމަން މިހެންބުނީ ވާކިފްއާ ނަޒަރު ސީދާކޮށްލައިގެން ހުރެ އެވެ.

ވާކިފްއަށް ވަގުތުން ސައިމަންގެ ކޮނޑުން ދެ އަތް ދޫކޮށްލެވުނެވެ. ފަހަތަށް އޭނާއަށް ފިޔަވަޅެއް އަޅާލެވުނީ ބޭއިޚްތިޔާރުގަ އެވެ. ދެ ލޯ ބޮޑުވެ އަނގަ ހުޅުވިފައިވާ ހާލު އޭނާއަށް ސައިމަންއަށް ބަލަން ހުރެވުނީ އެވެ. ހީވަނީ އަދިވެސް ސައިމަން އެ ބުނި އެއްޗެއް ޔަޤީންކުރާން ބޭނުންނުވެފައި ވާކިފް ހުރީ ހެންނެވެ. އެކަމަކު އޭނާގެ ހަވަނަ ޙިއްޞާއި އެއްބައިވެ އަމިއްލަ ޟަމީރު ވާކިފްގެ ގާތުގައި ބުނަމުންދިޔައީ ސައިމަން ދެއްކި ވާހަކައަކީ ތެދު ހަޤީޤަތް ކަމެވެ. އަދި އެ ހަޤީޤަތާ ވާކިފް ކުރިމަތިލާން ޖެހިއްޖެކަމެވެ. ވާކިފްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. މޫނާއެކު ބޮލުގެ އިސްތަށިގަނޑުގައި ވާކިފްއަށް އަތްފުނާ އަޅާލެވުނީ ނަފްސަށް ހަމަޖެހުމެއް ލިބެތޯ އެވެ.

"ރަހާ މަރުވަނީތަ؟. އެކަމަކު ފަރުވާދެއްވިއްޖެނަމަ ސަލާމަތް ކުރެވިދާނެ ދޯ." ވާކިފްއަށް ބުނެވުނެވެ. އޭނާ ރަހާއާ ވަކިވާކަށް ތައްޔާރެއްނޫނެވެ. އެކަން އޭނާ ވާހަކަދެއްކި ގޮތުން ސައިމަންއަށް ވެސް ނަގައިގަންނަން ދައްޗެއް ނުވި އެވެ.

"ފިފްޓީ ފިފްޓީގެ ޗާންސެއް. އަހަރެންނަށް އެނގެނީ ޒަރަކްއަކީ މޮޅު ޑަކްޓަރެއްކަން." ސައިމަން ބުންޏެވެ.

"އައި ހޭވް ޓު ފައިންޑް ހާ." ވާކިފްއަށް ބުނެވުނެވެ.

(ނުނިމޭ)