ނިއުރޭޑިއަންޓް

ދަގަނޑޭ އަލުން ނިއު ރޭޑިއަންޓް ސްޕޯޓްސްއާ ގުޅެނީ

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އަލުން ދަނޑަށް ނިކުންނަން ނިންމައިފި އެވެ.

މިފަހަރު އޭނާ ކުޅޭނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޖާޒީގައި ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތު ގައެވެ.

ނިއުރޭޑިއަންޓުން މިކަން ރަސްމީކޮށް އިއުލާނު ކުރުމަށް ވަނީ ސޯޝަލް މީޑިއާގައި ކެމްޕޭނެއްވެސް ފަށާފަ އެވެ. އަދި ދަގަނޑޭގެ ރަސްމީ ފޭސްބުކް ޕޭޖްގައިވެސް މިކަމާ ގުޅޭ ޕޯސްޓެއް ޖަހާފައިވެ އެވެ.ވ

އުމުރުން 39 އަހަރުގެ ދަގަނޑޭ އެންމެ ފަހުން ޕްރޮފެޝަނަލް ލެވަލްގައި ކުޅެފައިވަނީ 2023 ވަނަ އަހަރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށެވެ. އެހެންނަމަވެސް އެ ސީޒަންގައިވެސް ދެ މެޗް ކުޅުމަށްފަހު އަނިޔާގެ ސަބަބުން ދަގަނޑޭ ނުފެނެ އެވެ. ފަހުން ކަކުލުގެ އޮޕަރޭޝަނެއް ކުރުމަށްފަހު މިހާރު އޭނާ ވަނީ ފުލް ފިޓްނަސް ހޯދައިގެން ކުޅެވޭ ހާލަތަށް އައިސްފަ އެވެ.

ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދުގެ ކޯޗް ކަމުގެ ދަށުން ފުރަތަމަ ޑިވިޝަނަށް އަރަން މަސައްކަތްކުރާ ނިއުރޭޑިއަންޓާއި ދަގަނޑޭ ގުޅުމަކީ ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކަށް އުފާވެރި ހަބަރެކެވެ.

ދަގަނޑޭ ފުޓްބޯޅަ ކެރިއަރު ފެށީ 2001 ވަނަ އަހަރު ވެލެންސިއާއިންނެވެ. މީގެކުރިން ތިން ފަހަރެއްގެ މަތިން ނިއުރޭޑިއަންޓަށް ދަގަނޑޭ ކުޅެފައިވެ އެވެ. އަދި 2012 ވަނަ އަހަރު ނިއުގެ ކެޕްޓަންކަންވެސް ކޮށްފައިވެ އެވެ.

ރާއްޖޭގެ ގައުމީ ޓީމުގައި ދަގަނޑޭ އެންމެ ފަހުން ކުޅުނީ 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕާއި ލަންކާގައި ބޭއްވި އެކުވެރިކަމުގެ މުބާރާތުގައެވެ.

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ސަޕޯޓަރުން ބުނާ ގޮތުގައި ދަގަނޑޭ އަލުން އެ ޓީމަށް އައުމަކީ ކުލަބަށް އިތުރު ހިތްވަރަކާއި، ޒުވާން ކުޅުންތެރިންނަށް މޮޅު ކުޅުންތެރިޔެއްގެ ތަޖުރިބާއިން ފައިދާކުރާނެ ކަމެކެވެ.