އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓުވައި، އިޒްރޭލު ޖަވާބުދާރީ ކުރުވުމަށް ރާއްޖެއިން ގޮވާލައިފި އެވެ.
ޣައްޒާގައި އިޒްރޭލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މި ހަމަލާތަކަކީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ގާނޫނާއި އަދި ބައިނަލްއަގުވާމީ އިންސާނިއްޔަތުކަމުގެ ގާނޫނާ ސީދާ ހިލާފު އަމަލުތަކެއް ކަމަށެވެ.
"އިސްރާއީލުން ޕަލަސްތީނު ރައްޔިތުންގެ ނަސްލު ނައްތާލުމަށް ކުރިއަށް ގެންދާ އަނިޔާވެރި އަމަލުތައް ވަގުތުން ވަގުތަށް ހުއްޓުވައި، ޣައްޒާގެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، އިސްރާއީލުގެ އަމަލުތަކަށް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ދިވެހިރާއްޖެއިން ގޮވާލަމެވެ،" ފޮރިން މިނިސްޓްރީންގެ ބަޔާނުގައި ބުނެފައިވެ އެވެ.
އިޒްރޭލުން ޣައްޒާއަށް ދެމުންދާ މި ހަމަލާތަކުގައި އިއްޔެ އެކަނިވެސް ކުށެއްނެތް 100 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފަ އެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނީ މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި އަދުލުވެރި، ސުލްހަވެރި ހައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމް ކުރެވިގެންކަމުގައި ރާއްޖެއިން ދެކޭ ކަމަށެވެ.