ޑެންމާކް

ޑެންމާކުން އަލުން ނިއުކްލިއަ ހަކަތަ ބޭނުންކުރަން ވިސްނަނީ

ސްޕެއިނާއި ޕޯޗުގަލްގައި ދާދިފަހުން ހިނގި ކަރަންޓް ކެނޑުމުގެ ބޮޑު ހާދިސާއަކާ ގުޅިގެން ސްކެންޑިނޭވިއަން ގައުމުތަކުން ނިއުކްލިއަ ހަކަތައާ މެދު އަލުން ވިސްނަން ފަށައިފި އެވެ.

އެގޮތުން ޑެންމާކުން 40 އަހަރު ވަންދެން ނިއުކްލިއަ ހަކަތަ ބޭނުންކުރުން މަނާކޮށްފައި އޮތް އޮތުން ބަދަލުކުރުމަށް ވިސްނަމުންދާ ކަމަށް އެ ގައުމުން ލިބޭ ހަބަރުތައް ބުނެ އެވެ. ނަމަވެސް ޑެންމާކް ސަރުކާރުން މިމައްސަލައިގައި އަދި ރަސްމީކޮށް ވާހަކަދައްކާކަށް ބޭނުމެއް ނުވެ އެވެ.

ފާއިތުވި މަހު ސްޕެއިނާއި ޕޯޗުގަލް އަދި ފްރާންސްގެ ދެކުނު ސަރަހައްދުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނު ހާދިސާއަކީ އިއާދަކުރަނިވި ހަކަތައަށް ބަރޯސާވުމުގެ ނަތީޖާއެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ނަމަވެސް ސްޕެއިންގެ ބޮޑުވަޒީރު ވަނީ އެ ވާހަކަތަކާ ދެކޮޅަށް ވާހަކަދައްކަވާފަ އެވެ.

ސްޕެއިންގެ ވެރިރަށް މެޑްރިޑްގައި ހުންނަ އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ ޓްރެސިސްގެ ޗީފް އިކޮނޮމިސްޓް ޑެނިއަލް ލަކާލެ ވިދާޅުވީ ނިއުކްލިއަ ހަކަތަ ނެތި ސާފު ހަކަތައަށް ބަދަލުވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އިއާދަކުރަނިވި ހަކަތައަކީ ހަމައެކަނި އެއަށް ބަރޯސާވެވޭ ވަރުގެ އިތުބާރު ހުރި ވަސީލަތެއް ނޫނެވެ.

ކަމާބެހޭ މާހިރުން ބުނާ ގޮތުގައި ހުރިހާ ކަރަންޓު ވިއުގައެއްގައިވެސް އަބަދުމެ ބަރޯސާކުރެވޭ ވަރުގެ އަސާސީ ހަކަތައެއް ހުންނަންޖެހެ އެވެ.