އިދިކޮޅު އެމްޑީޕީގެ މުޒާހަރާއެއް ލައިވްކުރި މައްސަލައިގައި ރާއްޖެ ޓީވީ ޖަވާބުދާރީވާން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އަންގައިފި އެވެ.
މި މުޒާހަރާއަކީ އެމްޑީޕީ އިން މި އަހަރުގެ މާޗް މަހުގެ ނުވަ ވަނަ ދުވަހު ރޭ ބޭއްވި މުޒާހަރާ އެކެވެ.
ބްރޯޑްކޮމް އިން ބުނީ އިޖްތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު އަދި އިޝާރާތްތައް އެ މުޒާހަރާގައި ބޭނުންކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާފަދަ ނުވަތަ އިއްޒަތާއި ގަދަރަށް އުނިކަމެއް އަތުވެދާނެފަދަ ނުވަތަ ނިކަމެތި ކަމެއް ލިބިދާނެ ބަސްތަކާއި މަންޒަރާއި އަޑު ބްރޯޑްކާސްޓް ކުރި ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ.
މި މައްސަލައިގައި މާދަމާ މެންދުރުފަހު 2:00 ގެ ނިޔަލަށް ލިޔުމުން ޖަވާބުދާރީވުމަށް ބްރޯޑްކޮމް އިން ވަނީ އަންގާފަ އެވެ.