ރިޕޯޓް

ކޮރަޕްޝަނާއި ނުފޫޒުގެ ތުހުމަތުގައި އެސޯޝިއޭޝަންތައް ފުނޑެނީ

ކޮރަޕްޝަނާއި އިދާރީ ހިންގުން ދޯހަޅިވެ ގައުމީ ކުޅިވަރު ޖަމިއްޔާތަކަށް ގިނަ ހުރަސް ތަކެއް ކުރިމަތި ވާން ފަށައިފި އެވެ. ދުނިޔޭގެ ބެޑްމިންޓަންގެ ހަރަކާތްތަކުން ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ސަސްޕެންޑް ކުރުމުން ރާއްޖޭގެ ކުޅިވަރުގެ މާހައުލް ބަނަވެ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ހިމެނޭހެން ކުޅިވަރުގެ އިދާރާތަކުގެ ނަޒާހަތްތެރިކަމާ މެދު ކަންބޮޑުވުންތައް މިހާރު ވަނީ ވަރަށް ބޮޑަށް އުފެދިފަ އެވެ.

ބީއޭއެމްގެ މައްޗަށް ވަނީ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ސުވާލު އުފެދޭ ޕްރޮކިއުމަންޓް ޕްރެކްޓިސްތަކެއްގައި ބައިވެރިވުމާއި، މާލީ ރެކޯޑްތައް ރަނގަޅަށް ބެލެހެއްޓުމަށް ނުކުޅެދިފައި ކަމަށް ތުހުމަތުކޮށްފަ އެވެ. ހާއްސަކޮށް ބީއޭއެމްގެ ކުރީގެ ރައީސްއެއްގެ ކުންފުންޏަކާ އެކު އެ އެސޯސިއޭޝަނުން ކުރި މުއާމަލާތްތަކެއްގެ ތަހުގީގު އޭސީސީ އިން ވެސް ކޮށްފައިވެ އެވެ.

ބީއޭއެމް ސަސްޕެންޑް ކުރުމުން، ދެން ޑިސިޕްލިނަރީ ފިޔަވަޅު އަޅަން ޖެހޭނީ ނުވަތަ އަޅާނީ ކޮން ކުޅިވަރު އެސޯސިއޭޝަނަކަށްތޯ އެތްލީޓުންނާއި ކުޅިވަރު ހިންގުމުގެ ދާއިރާގެ ތަޖުރިބާކާރުން ދަނީ ވަރަށް ކައިރިން ބަލަމުންނެވެ.

ހިންގުން ދަށްވުމާއި މާލީ ކަންކަން ދޯހަޅިވުމުން އެހެން އެެސޯސިއޭޝަންތަކާ މެދުވެސް ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ. އޭސީސީން މިހާރު ކުރިއަށްދާ ތަހުގީގުތަކުން ދޭހަވަނީ ކައިރި މުސްތަގުބަލެއްގައި އިތުރު ކުޅިވަރު ޖަމާއަތްތަކާ މެދު އިތުރު ފިޔަވަޅުތަކެއް އެޅިދާނެ ކަމަށެވެ.

އާންމުންގެ އިތުބާރު އަލުން ހޯދުމަށްޓަކައި ހުރިހާ އެސޯސިއޭޝަންތަކުންވެސް ހާމަކަން ބޮޑު ގޮތެއްގައި އަދި ޖަވާބުދާރީވުމުގެ ފިޔަވަޅުތަކަށް ތަބާވުމަށް ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލްވެސް އިލްތިމާސް ކުރައްވާފައިވެ އެވެ. ނަމަވެސް ތޮލާލްވެސް ނުފޫޒް ފޯރުވަމުންދާ ކަމަށް ބައެއް އެސޯސިއޭޝަންތަކުގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުން ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ރާއްޖޭގެ ކުޅިވަރުގެ ހިންގުން ކޮރަޕްޝަނުން އެއްކިބާވެ، ކުޅުންތެރިންނާއި ސަޕޯޓަރުންގެ މަސްލަހަތަށްޓަކައި ހިންގާ ގޮތަށް އިސްލާހުތަކެއް ގެނައުމަށް އެތުލީޓުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. ރާއްޖޭގެ ކުޅިވަރު އާއިލާއިން އިންތިޒާރު ކުރަނީ، ނަޒާހަތްތެރިކަމާއި އިންސާފުވެރި ހިންގުންތެރިކަމަކަށް އިސްކަންދޭ މެނޭޖްމަންޓެއް އެސޯސިއޭޝަންތަކަށް ލިބޭނެ ދުވަހަކަށެވެ.

އެކި އެސޯސިއޭޝަންތަކުގެ ތެރޭގައި ކޮރަޕްޝަންގެ ތުހުމަތުތައް ފެންމަތިވަމުންދާއިރު، ދިވެހި ކުޅިވަރު އާއިލާއަށް އިދާރީ ދަތިތަކުގެ ރާޅެއް ވަނީ އަރާފަ އެވެ. މާލީ ގޮތުން ގޯސް އަމަލުތަކެއް ހިންގުމުގެ ސަބަބުން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ސަސްޕެންޑް ކުރުމާ ގުޅިގެން މިހާރު ވަނީ ނޯމަލައިޒޭޝަންގެ މަރުހަލާގައި އޮތް އެފްއޭއެމްއަށް ސަމާލުކަން ލިބިފަ އެވެ.

ސަރުކާރާއި ޒޯން ނުވައެއްގެ ކްލަބްތަކުގެ ޕްރެޝަރުގައި ބާއްވަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނާ އެފްއޭއެމް ކޮންގްރެސް އަކީ އެ ޖަމިއްޔާގެ ހިންގާ ގަވާއިދާ ހިލާފަށް ބާއްވަން ރާވާފައިވާ ކޮންގްރެސް އެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އެފްއޭއެމްގެ ތެރޭގައި ހިންގަމުން ދިޔަ ކޮރަޕްޝަންގެ މައްސަލަތައް ހާމަވެ، ފީފާގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ސަބަބުން އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް ސަސްޕެންޑްކޮށް އެ އިދާރާ ވަނީ ނޯމަލައިޒޭޝަން ހާލަތަށް ގެނެސްފަ އެވެ. ބައްސާމުގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވާއިރު، ތަހުގީގުތަކުން އެނގޭ ގޮތުގައި ފުޓްބޯޅަ ތަރައްގީ ކުރުމަށް ހާއްސަކޮށްގެން ފީފާއިން ދިފައިވާ 1.2 މިލިއަން ޑޮލަރު އޭނާ ނަހަމަ ގޮތުގައި ބޭނުންކުރިކަން ވަނީ ހާމަވެފަ އެވެ. ނަމަވެސް އެ ތުހުމަތު ބައްސާމު ދޮގުކުރެ އެވެ.

ކުޅިވަރު އެސޯސިއޭޝަންތަކުން ފެންމަތިވާ މައްސަލަތަކާ ގުޅިގެން ކުޅިވަރު ހިންގުމުގައި ހާމަކަން ބޮޑުކަމާއި ޖަވާބުދާރީވުން ކަށަވަރުކުރުމަށް އަވަސް އިސްލާހުތަކެއް ގެނައުމަށް ކުޅިވަރަށް ލޯބިކުރާ ފަރާތްތަކާއި އެތުލީޓުން ދަނީ ގޮވާލަމުންނެވެ.

ގައުމުގެ ކުޅިވަރު މުއައްސަސާތަކުގެ ތެރޭގައި ނަޒާހަތްތެރިކަން އަލުން ގާއިމުކުރުމަށް ސަރުކާރާއި ބެލެނިވެރި އިދާރާތަކުން ފިޔަވަޅު އަޅާނެ ކަމަށް ބެލެވުނަސް ސިޔާސީ ނުފޫޒުގެ ސަބަބުން އެއީ ވުމަށްވުރެ ނުވުން ގާތް ކަމެއް ކަމަށް ފެނެ އެވެ. ރާއްޖޭގެ ކުޅިވަރު އާއިލާއިން މިހާރު އިންތިޒާރު ކުރަމުންދަނީ ފަޅާއަރަމުން ނިއުޅެމުން އަންނަ ސަފްހާތަކާ އެކު ދެން ލިޔެވިގެން ދާނެ ކަންތައްތަކަށެވެ.